ހއ. އުލިގަމުގައި އިމިގްރޭޝަންގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަޞީޙް އެވެ.
މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. މި އިމާރާތުގެ މައިގަނޑު މަޤްޞަދަކީ ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަންގެ ކްލިއަރެންސް ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
އިމިގްރޭޝަންގެ އައު އިމާރާތް ނިމުމުން، މިހާރު އުލިގަމުގައި ދެމުންގެންދާ ސީޕޯޓްގެ ޚިދުމަތްތަކުގެ އިތުރުން، ޕާސްޕޯޓް އަދި ވިސާފަދަ އެހެނިހެން އިމިގްރޭޝަންގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. މީގެ ސަބަބުން އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްޤީވާނެކަމަށް ސަރުކާރުން ބެލެވެއެވެ.