ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ތިމާމެންނަށާއި ތިމާމެންގެ ދަރިންނަށްވެސް ނަމާދުނުކުރެވޭކަމެވެ. ނަމާދަށް ފަރުވާތެރި ނުވެވޭކަމެވެ. މިއީ ހަމަ އެންމެންވެސް ޤަބޫލުކުރަންޖެހިފައިވާ ކަމެކެވެ.
ބައެއް ޢާއިލާތަކުގައި މައިންބަފައިން ނަމާދުކުރެއެވެ. ނަމަވެސް ދަރިންނެއް ނުކުރެއެވެ. އަނެއްބައި ޢާއިލާތރަކުގައި ދަރިން ނަމާދުކުރެއެވެ. ނަމަވެސް މައިންބަފައިންނެއް ނުކުރެއެވެ. މައިންބަފައިންނާއި ަދރިން ނަމާދުކުރަނީ ވަރަށް މަދު ޢާއިލާތަކުގައެވެ.
ވީމާ ގިނަގިނައިން މިދުޢާކުރަން އެބަޖެހެއެވެ.
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމް ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ!"
ދެން މިއޮތީވެސް ކޮންމެ މީހަކުވެސް އެންމެ ގިނައިން ކުރަން އޮތް ދުޢާއެކެވެ. މިދުޢާ ޢިޖާބަކުރައްވަވައިގެން ނޫނީ ސުވަރުގެ ވަދެވޭކަށް ނެތެވެ. އެހެނީ ސުވަރުގެ ވަދެވޭނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވެއްދެވުމުންނެވެ.
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
"އަޅަމެންގެ ވެރިރަސްކަލާކޮ! ޙިސާބު ޤާއިމްވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުތަކުންނަށް ފާފަފުއްސަވާނދޭވެ!"
(އިބްރާހީމް ސޫރަތް: 40 އަދި 41)
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި 2 ދުޢާ މުސްލިމުންނަށް އެނގޭނެއެވެ. ނަމަވެސް ނުކުރެވެނީއެވެ. އަހުރެން މިކުރާ ކަމަކީ ގިނަގިނައިން މި 2 ދުޢާކުރަން ހަނދުމަކޮށްދިނުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން