ރަމަޟާން މަހާއި ބައްދަލުވުމުން ބުނާނީ މިއީ އަޅުކަންކުރުމުގެ މައްސަރު ކަމަށެވެ. ޞަދަޤާތްކުރުން ގިނަކުރުމުގެ މައްސަރުކަމަށެވެ. ކީރިތި ޤުރްއާނުގެ މައްސަރުކަމަށެވެ. ރޭއަޅުކަންކުރުން ގިނަކުރުމުގެ މައްސަރު ކަމަށެވެ.
މިހުރިހާ ވާހަކަތަކަކީވެސް ހަމަ ރަނގަޅު ވާހަކަތަކެވެ. މިކަންކަމަކީ ރަމަޟާންމަހާއި ގުޅިފައިވާ ކަންކަމެވެ. އެކަމަކު ﷲާހަގަކޮށްލަން މިއުޅެނީ ރަމަޟާންމަހާއި ގުޅިފައިވާ މާ މުހިންމު ކަމެއްގެ ވާހަކައެވެ. އެކަމަކީ ޢަފޫކުރެއްވެވުމުގެ މަސްކަމެވެ. އެހެނީ ﷲ ތަޢާލާ އެންމެ ގިނަ ބައަކަށް ޢަފޫކުރައްވަވައި ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވައްދަވަނީ ރަމަޟާން މަހުގައެވެ.
ސުވާލަކީ އެހެންވީމާ އަހުރެމެން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟
އެއްވެސް ޝައްކެއްނެތެވެ. ހެޔޮ ޢަމަލުތައް ކުރަންޖެހޭނެއެވެ. ފަރުޟްތަކަށް ރަކާތެރިވާންވާނެއެވެ. ސުންނަތް އަޅުކަންކުރުން ގިނަކުރަންވާނެއެވެ. ޞަދަޤާތްދިނުންވެސް ގިނަކުރަންވާނެއެވެ. ޤުރްއާން ކިޔެވުންވެސް ގިނަކުރަންވާނެއެވެ. ރޭއަޅުކަންކުރުމާއި މިހެންގޮސް ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރުން ގިނަކުރަންވާނެއެވެ. އަދި ފާފައަކަށްވެދާނެ އެއްވެސް ކަމަކާއި ކައިރިވެގެންވެސް ނުވާނެއެވެ.
ހަމަ އެއާއިއެކު އޮތީ ހަމަ އެންމެ މުހިންމު ކަންތަކެވެ. މީސްތަކުންނަށް މާފުކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ތިމާގެ ފާފަތަކަށް ޢަފޫކޮށްދެއްވެވުން އެދޭމީހާ އެހެން އެންމެންނަށް މާފުކުރަންވެސްވާނެއެވެ.
ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް ހިތްސާފުކޮށް ވަރަށް ދީލަތިކަމާއިއެކު އެކަކު އަނެކަކަށް މާފުކުރާށެވެ! ޝައްވާލު މަހަށް ހަނދުބެލުމުގެ ކުރިން އެކަންކުރަންވާނެއެވެ. އެކަން އިޚްލާޞްތެރިކަމާއިއެކު އެގޮތަށް ކޮށް އަލުން "ހަނީމޫން"ގެ ދުވަސްތައް ގެންނަން މަސައްކަތްކޮށްފިނަމަ ދެމަފިރިންގެ މުޅި ޙަޔާތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިގެންދާނެއެވެ. އަދި ހީވެސްނުކުރެވޭވަރުގެ ބޮޑު ކުރިއެރުމެއްވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ
- މައުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން