ޢީދުފާހަގަކުރަން ކުރަންވާނީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން- ރަމަޟާން މަހު ހިފިރޯދައާ ކުރި އަޅުކަން ގެއްލޭނެ ކަންކަން ކުރަން ހެޔޮ ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 57ސ
ޢީދުފާހަގަކުރަން ކުރަންވާނީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން- ރަމަޟާން މަހު ހިފިރޯދައާ ކުރި އަޅުކަން ގެއްލޭނެ ކަންކަން ކުރަން ހެޔޮ ނުވާނެ!

މުޙައްރަމް މަހުގެ ފުރަތަމަ 9 ދުވަހު ސުންނަތް ރޯދަހިފައި 10 ވަނަ ދުވަހުން ފެށިގެން ކުރިން ކުރެވުނު އަޅުކަން ގެއްލުވައިލާ ބައަކު އުޅެއެވެ. އަދި ރަމަޟާން މަހުގެ ރޯދަހިފުމަށްފަހު ޢީދު އައުމުން ތިމާމެން ކުރިން އަޅުކަން ގެއްލުވައިލާ ބައަކު އުޅެއެވެ.  

އެންމެ ބޮޑު މައްސަލައަކީ ކުރި އަޅުކަމުން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވީ ކިހައި ވަރަކަށްކަން ނުއެނގޭތީއެވެ. އަދި އެއްވެސް މިންވަރެއް ޤަބޫލުފުޅު ކުރެއްވެވިކަންވެސް ނުއެނގޭތީއެވެ. ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރުންމަތީގައި ތިބެންޖެހެނީ އެސަބަބަށްޓަކައެވެ. ރަމަޟާން މަސް ނިމުމުން ކުރިއަށް އޮންނަ 6 މަސްދުވަހު ޞަޙާބީން އެންމެ ގިނައިން ދުޢާކުރައްވަވަމުން ގެންދެވީ ރަމަޟާން މަހު ކުރެއްވުނު އަޅުކަން ޤަބޫލުފުޅުކުރެއްވެވުން އެދިވަޑައިގެންނެވެ.  

އަޅުގަނޑުމެންވެސް ހަމަ އެފަދައިން ދުޢާކުރަމުއެވެ. ނަމަވެސް ޢަމަލުން މިފެންނަނީ ބޮޑެތި މިޔުޒިކްޝޯތައް ބޭއްވޭތަނާއި އެޝޯތައް ބަލަން ގޮސް ތިބޭ ތަނެވެ. އެކަމުގައި ބައިވެރިވެ މަޖާކުރާތަނެވެ.  

އެހެންކަމުން މިގެނެސްދެނީ މިޔުޒިކާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

ފުރަތަމަ މިއުޒިކުގެ މައްސަލައިގައި ވަރަށް ގިނަ ޢިލްމުވެރިން މިއުޒިކަކީ އެއީ ޙަރާމް އެއްޗެއް ކަމުގައި ދަލީލު ދައްކަވައިފައިވޭ. އެ ގޮތުން އެންމެ ފުރަތަމަ ދަލީލެއްގެ ގޮތުގައި އެ ބޭފުޅުން ދައްކަވަނީ ލުޤުމާން ސޫރަތުގެ 6 ވަނަ އާޔަތް. އެ އާޔަތުގައި އަންނަނީ (އާޔަތް) މި އާޔަތުގެ މާނައަކީ "އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާ ބައެއް ވެއެވެ. އެއީ އެއްވެސް ޢިލްމަކާ ނުލައި މާތް ﷲ ގެ މަގުން މީސްތަކުން ދުރުކުރުވުމަށްޓަކައެވެ. އެބައި މީހުންނަށް ވޭންދެނިވި އަޒާބު ހުއްޓެވެ."  

އިމާމް އިބްނު ކަޘީރު ރަޙިމަހުއްﷲ ތަޢާލާ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވަނީ އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު މި އާޔަތާ މެދުގައި ވިދާޅުވެފައިވޭ "ﷲ ގަންދީ ބުނަމެވެ. އެ ތަނުގައި ލަހުވުލް ޙަދީޘް ނުވަތަ ބޭކާރު ވާހަކަތެކޭ އޮތް ބަސްފުޅުގެ މުރާދަކީ އެއީ ލަވައޭ. އަދި މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި ޢިބްނު ޢައްބާސް، މުޖާހިދު، ތައުރީ، މަކްހޫން، މިފަދަ ބޮޑެތި ބޮޑެތި ޢިލްމުވެރިން ހިމެނިފައިވޭ. އަދިވެސް އިސްރާ ސޫރަތުގައި ﷲ ވަޙީ ކުރައްވައިފައިވޭ (އާޔަތް) މި އާޔަތުގެ މާނައަކީ "އަދި އެބައިމީހުންގެ ތެރޭގައި ކަލެޔާ ޝައިޠާނާއަށް ކުޅަދާނަވީ ބަޔަކު ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުންތެރި ކުރުވާށެވެ." ތަފްސީރު ޢިލްމުވެރިންގެ ތެރޭގައި އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުﷲ ތަޢާލާ ފަދަ ބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ އެއީ ލަވަ ކަމުގައި. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން މިއުޒިކް ނުވަތަ ލަވަކިޔުން އެއީ ހަރާމްކަމެއްގެ ގޮތުގައި ދަލީލު ދައްކަވާފައިވޭ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުތަކަށް ބަލާއިރު މި ކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ވަރަށް ވެސް ގިނަ. އެ ގޮތުން ކޮންމެވެސް ވަރެއް އަޅުގަނޑު މި ތަނުގައި މިރޭގެ މި ޕްރޮގްރާމުގައި ހިމަނައިލެވޭތޯ މަސައްކަތްކުރާނަން އިން ޝާ ﷲ ތަޢާލާ.  

އެންމެ ފުރަތަމަ ބަސްފުޅަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅު. (ޙަދީޘް) މިއީ ބުޚާރީ އަދި މުސްލިމް ރިވާކުރައްވައިފައިވާ ޙަދީޘެއް. މާނަ: ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރޭގައި ބަޔަކު މީހުން އަންނާނެއެވެ. އެ މީހުން ޒިނޭއާއި ފަށުވި ފޭރާމާއި (އެއީ ފިރިހެނުންނަށް ފަށުވި ފޭރާން ހުއްދަކުރަން އުޅޭ ވާހަކަ) އަދި ރަލާއި މިއުޒިކް ސާމާނު ހުއްދަކުރާނެއެވެ. އަނެއް ޙަދީޘެއްގައި މި އޮންނަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ކަމަށް (ޙަދީޘް) މާނަ: ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެ އަޑެއް ވެއެވެ. އެއީ ނިޢުމަތެއް އުފާވެރިކަމެއް ލިބޭ ހިނދުގައި އިވޭ އަޑާއި މުސީބާތެއް ނުވަތަ ހިތާމައެއް ލިބޭ ހިނދުގައި އިވޭ އަޑެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އުފާވެރިކަމެއް ދިމާވާ ހިނދުގައި އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތްތަކުގެ ނަމުގައޭ ކިޔައިފައި މީހުން ލަވަތައް ކިޔައިފައި އަދި މިއުޒިކް ކުޅެ އުޅޭ ނުވަތަ މިއުޒިކް ކުޅެ ނަށާ ހަދާ ހެދުމަށް. އެހެނެއް ކަމަކު އުފާވެރިކަމެއް ދިމާވާ ހިނދުގައި ޝުކުރު ދަންނަވަން ޖެހޭނީ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް، ސަބަބަކީ އެ ނިޢުމަތް އޭނާއަށް މިންވަރުކޮށްވެއްވި ފަރާތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ. އެހެންވީމާ ﷲ ޞުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންނުވާ ކަމެއް އެފަދަ ނިޢުމަތެއް ދެއްވީމާ ކުރުން އެއީ އެއްވެސް ހާލެއްގައި ކޮށްގެން ވާނޭ ކަމެއް ނޫން.  

އަނެއް ޙަދީޘެއްގެ މާނައިގައި މި އޮންނަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި މި އޮންނަނީ "މި އުންމަތުގެ ތެރެއިން ބަޔަކު ގަޟްހު؟؟ ކުރެވި ސިފަ ބަދަލުވެ، ބިމަށް ގަންބަވައިގަނެވޭނެއެވެ. އެހިނދު މުސްލިމުންގެ ތެރެއިން މީހަކު ދެއްނެވި، އޭ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ ރާ ބުއިމާއި މިއުޒިކް ސާމާނު އަލުން އާންމު ވުމުންނެވެ. މާނައަކީ މީސްތަކުންގެ ތެރޭގައި މި ތަކެތި އާންމުވެގެން ދިޔައިމާ އެހިސާބުން މިފަދަ ދަރަޖައަކަށް މީހުންގެ ކަންތައްތައް ހިނގައިދާނެ. ހަމަ އެ ގޮތަށް އެހެން ޙަދީޘެއްގެ މާނައިގައި މި އޮންނަނީ "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެ މީހުން އޭގެ ނަން ނޫން އެހެން ނަމެއް އެޔަށް ކިޔައި އުޅޭނެއެވެ. ބަނގުރާ ބޯނެއެވެ. ނަމަވެސް އެ ބަނގުރަލަށް އެނަން ފިޔަވާ ކޮންމެވެސް އެހެން ނަމެއް، ވިސްކީ ވިޔަސް އެހެން ނަމެއް ވިޔަސް އެ ގޮތަށް ނަން ބަދަލުކޮށްގެން އުޅޭނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިއުޒިކް ކުޅެ، އަންހެނުން ލަވަކިޔައި ހަދާނެއެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ އެބައިމީހުން ބިމުގެ އަޑިއަށް ގަންބަވާނެތެވެ. އަދި އެބައިމީހުން ތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ.  

މި ހިސާބުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އިސްވެދިޔަ ދަލީލުތަކަށް ބަލާލާއިރު ޤުރްއާނާއި ޙަދީޘުން މި އިވުނު ދަލީލުތަކަށް ބަލާލާއިރު، ވަރަށް ބޮޑަށް މިއުޒިކާ ދުރުހެލިވާން ޖެހޭކަން އަޅުގަނޑުމެންނަށް އެނގެން އެބައޮތް. ދެން ހިންގަވާ މި މައްސަލައިގައި އުންމަތުގެ ބޮޑެތި ބޮޑެތި ޢިލްމުވެރިން ދައްކަވައިފައި ހުރި ވާހަކަތަކަށް ބަލައިލަމާ. މި އުންމަތުގެ ކުރީގެ ދަންނަބޭކަލުންވަނީ ތާރަ ފިޔަވައި އެހެން ހުރިހާ މިއުޒިކް އެއީ ހަރާމް އެއްޗެތި ކަމުގައި ވިދާޅުވެފައި. ކޮންމެއަކަސް ބައެއް ޢިލްމުވެރިން އެއީ އިޖްމާޢު ކަމުގައި ވެސް ވިދާޅުވެފައިވޭ. މިއީ އިޖްމާއެއްކަން ދަންނަވައިފައިވާ އިލްމުވެރިންގެ ތެރޭގައި އަބޫ ޠަބަރީ، އިމާމް ޤުރްތުބީ އަދި އިބްނު ރަޖަބް، މިފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ. މުއުމިނުންގެ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ތަޢާލާ އަންހު ވިދާޅުވި ލަވަޔާއި މިއުޒިކަކީ ޝައިޠާނާގެ އަޑެކެވެ.  

އަދި އިބްނު މަސްޢޫދު ރަޞިޔައްﷲ ޢަންހު ވިދާޅުވެފައިވޭ ފެނުގެ ސަބަބުން ވިނަ ހެދޭ ފަދައިން ލަވައިގެ ސަބަބުން ހިތުގައި ނިފާޤުކަން އުފެދިގެން ދާނެއެވެ. އަދި ލަވަޔާއި މިއުޒިކް ހަރާމްވުމުގެ އެންމެ ބޮޑު އެންމެ ބޮޑު އެއް ޙިކްމަތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ މަތިން މީހާ ޣާފިލްކޮށްލާ ކޮށްލުމެވެ. ހަމަ އެގޮތަށް އުމަރު ބުން ޢަބްދުލް ޢަޒީޒް ރަޙިމަހުﷲ ތަޢާލާ ވިދާޅުވެފައިވޭ "ލަވައާއި މިއުޒިކްގެ ފެށުން ވަނީ ޝައިޠާނާގެ ގާތުންނެވެ. އޭގެ ނިމުން ވަނީ އައްރަޙްމާން ނުވަތަ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ކޯފާއިންނެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙުމަހުﷲ ތަޢާލާ މިއުޒިކާ ބެހޭ ގޮތުން ވިދާޅުވެފައިވޭ. "ހަތަރު މަޒްހަބު، އެބަހީ ހަނަފީ މަޒްހަބު، މާލިކީ މަޒްހަބު، ޝާފިޢީ މަޒްހަބު އަދި ހަންބަލީ މަޒްހަބު، މި ހަތަރު މަޒްހަބުގެ އިލްމުވެރިންގެ އަރިހުގައި މިއުޒިކް ސާމާނަކީ އެއީ ހަރާމް ތަކެއްޗެވެ." އިމާމް ހަނީފާ ރަޙުމަހުﷲ ތަޢާލާ ލަވަޔަށް ނުރުއްސަވާ ކަމުގައިވޭ. އަދި އެއީ ފާފައެއްގެ ގޮތުގައި ހިމަނުއްވައިފައިވޭ. އަދި ހަމަ އެފަދައިން ކޫފާގެ އަހުލުވެރިންގެ މަޒްހަބަކީ ވެސް މިއީ (ލަވައާއި މިއުޒިކަކީ ހަރާމް އެއްޗެއް ކަމުގައި) އޭގެ ތެރޭގައި ސުފިޔާނާއި ހަމްދާން އަދި މިފަދަ ބޮޑެތި ބޮޑެތި ޢިލްމުވެރިން މި ގޮތަށް ވިދާޅުވެފައިވޭ. ކޮންމެޔަކަސް މި ބޭކަލުންގެ މެދުގައި މި ކަމުގައި އެއްވެސް ޚިލާފެއް ނެތް. ހަމަ އެހެންމެ އެފަދައިން ބަޞަރާގެ އަހުލުވެރިންގެ މެދުގައި ވެސް މި ކަމާ މެދުގައި އެއްވެސް ޚިލާފެއް ނެތް ކަމަށް އެނގިފައިވޭ.  

އަދި އިބްނު ޤައްޔިމް ރަޙުމަހުﷲ ތަޢާލާ، އެ ކަލޭގެފާނު ލިޔުއްވާފައިވާ އިޣާފަތުއް ލަހްފާމް؟؟ ނަމަކަށް ކިޔާ ފޮތެއްގައި އެ ކަލޭގެފާނު ވިދާޅުވެފައިވޭ، މިއުޒިކް ހަރާމް ކަމުގައި ދެކޭ އެންމެ ހަރުކަށި މަޒްހަބަކީ އެއީ އަބޫ ހަނީފާގެ މަޒްހަބު ކަމުގައި. އެ ކަލޭގެފާނުގެ ބަސްފުޅު މިއުޒިކުގައި އެންމެ ހަރުކަށި ބަސްފުޅުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމުގައި އިބްނު ޤައްޔިމް ރަޙިމަހުﷲ ތަޢާލާ ވިދާޅުވެފައިވޭ. އަދި އެ ކަލޭގެފާނުގެ މަޒްހަބުން، އެބަހީ އަބޫ ހަނީފާގެ މަޒްހަބުގެ ބޭފުޅުން މިފަދަ ހުރިހާ އެއްޗެއް އަޑުއެހުން ހަރާމްވާނެ ކަމަށް ޞަރީހަ ބަހުން ވިދާޅުވެފައިވޭ. އަދި އެއީ ކަނޑައެޅިގެން އުރެދުމެއް ކަމަށާއި އެ މީހެއްގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމުގައި ވިދާޅުވެފައިވޭ. އެއަށް ވުރެން ވެސް ހަރުކަށިކޮށް ބައެއް ބޭފުޅުން މި ކަމުގައި ވަދާޅުވެފައިވޭ. އެ އަޑުއެހުމަކީ ފާސިޤު ކަމެއް ކަމަށާއި އެއިން ލައްޒަތު ލިބިގަތުމަކީ އެއީ ކުފުރުގެ އަމަލެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވޭ. ކޮންމެއަކަސް ވަރަށް ހަރުކަށި ގޮތަކަށް ޢިލްމުވެރިން މި ކަމުގައި ބަސްފުޅުތައް ގެންނަވައިފައި މި ވަނީ.  

އިމާމް މާލިކް ވިދާޅުވެފައިވަނީ ލަވައާއި މިއުޒިކް ކުޅުމާއި އަޑުއެހުން އެއީ މަނާ ކަމެއްގެ ގޮތުގައި. އަދި ވިދާޅުވެފައިވޭ ތިމަންމެންގެ ތެރެއިން އެ ކަން ކުރާނީ ފާސިޤުންނެވެ. އަދި އިމާމް ޝާފިޢީ ރަޙުމަހުﷲ ތަޢާލާ ވިދާޅުވެފައިވޭ. ހަމަކަށަވަރުން ލަވަޔަކީ މަކްރޫހަވެގެންވާ ބޭކާރު ވާހަކައެކޭ. އަދި އެ (މިއުޒިކް) އެއްގޮތްވެގެންވަނީ ބާޠިލް ކަމަކާއެވެ. އެކަން ގިނަކޮށްފި މީހާއަކީ މޮޔައެކެވެ. އަދި އޭނާގެ ހެކިބަސް ގަބޫލުނުކުރެވި ރައްދުކުރެވޭނޭ. އަދި އެ ކަލޭގެފާނުގެ މަޒްހަބުގައި (އިމާމް ޝާފިޢީގެ މަޒްހަބުގައި) މަޝްހޫރު ޢިލްމުވެރިން އެކަން ހަރާމް ކުރައްވާ ކަމުގައިވޭ. އަދި އެ ކަލޭގެފާނު ލަވަ ހުއްދަކުރާ ކަމަށް ބުނާ މީހުން އެފަދަ މީހުންގެ ބަހަކަށް އިންކާރު ކުރައްވާ ކަމަށްވޭ.  

އިމާމް އަޙްމަދު ރަޙިމަހުﷲ ތަޢާލާގެ އަރިހުން ޔަތީމުންތަކަކަށް ވާރުތަ މުދަލުގެ ގޮތުގައި ވާރުތަވެފައިވާ ލަވަކިޔާ ޖާރިޔާއެއް ވިއްކުމާ ބެހޭގޮތުން ސުވާލުކުރުމުން އެ ކަލޭގެފާނު ޖަވާބެއްގެ ގޮތުގައި ވިދާޅުވީ އޭނާ ނުވިއްކާށެވެ. އެހެނެއްކަމަކު އޭނާއީ އާދައިގެ ދެރަމިހެއްގެ ގޮތުގައި ވިއްކާލާށެވެ. ޝައްކެއްނެއް ގޮތުގައި ލަވަޔާ ގުޅުން ހުރި މީހެއްގެ ގޮތުގައި އެ ކުއްޖާ ވިއްކާ ކަމަށް ވަނީނަމަ ބޮޑު އަގުގައި ވިކޭނެއެވެ. އެހެން ނަމަވެސް އެ ކަން ހުއްދަނުކުރައްވާތީ ދަށް އަގުގައި ވިއްކުމަށް އެ ކަލޭގެފާނު އަމުރުކުރައްވައިފައިވޭ. އިމާމް ޤުރްތުބީ ރަޙިމަހުﷲ ތަޢާލާގެ ކިބައިން ނަޤުލުވެގެން އައިސްފައިވޭ، ބެރާއި މިއުޒިކް ސާމާނު ކުޅުމާއި އަޑުއެހުން ހަރާމްކަމާ މެދުގައި އެއްވެސް ހިލާފެއް ޢިލްމުވެރިންގެ ތެރޭގައި އައިސްފައެއް ނެތެވެ. އަދި އިތުބާރު ހިފޭ ސަލަފުން ނުވަތަ ކުރީގެ ޢިލްމުވެރިން އަދި ޚަލަފު ނުވަތަ ފަހުގެ ޢިލްމުވެރިން ވެސް އެ ބޭފުޅުންގެ ތެރެއިން އެއްވެސް އިމާމެއް ކިބައިން ލަވަ ހުއްދަކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އައްސަވައިފައެއް ނުވެއެވެ. އެހެންވީމަ މިފަދަ ގޮތަކަށް މި ކަން އޮއްވާ އަޅުގަނޑުމެންނަށް ސްކޫލުތަކުގައި ވިޔަސް އަދި އެހެން ތަނެއްގައި ވިޔަސް ލަވަޔާއި މިއުޒިކް ނުކުޅެގެން ނުވަތަ އެ ކަން ކުދިންނަށް ދަސްކޮށްނުދީގެން ޓީޗަރުން ސަސްޕެންޑް ކުރުމާއި ނުވަތަ ކުދިންނަށް އަދަބު ދިނުމާއި ނުވަތަ އެ ކަމަށް އިންކާރު މީހުން ނުވަތަ ލަވަކިއުމަށް ނުވަތަ މިއުޒިކް ކުޅުމަށް އިންކާރުކުރާ މީހުން، އެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ލޭބަލްކޮށް ހަދާ ހެދުމަކީ ހަމަ އަނިޔާވެރި ޢަމަލެއް. އެފަދަ ޢަމަލުތައް ކުރާ މީހުންނާ މެދުގައި އަޅުގަނޑުމެން ސަމާލުވާންޖެހޭނެ.  

އަޅުގަނޑުމެން މި ލޮބުވެތި ވަޠަނުގެ އެންމެން ތެދުވެ އެ މީހުންނާ ދެކޮޅަށް އެ ކަމުގައި އިހްތިޖާޖްކޮށް އެ މީހުންގެ ކިބައިން މި ވަޠަން ސަލާމަތްކޮށް މި ވަޠަނަކީ ތާއަބަދު ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި، އިސްލާމްދީނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދެމެހެއްޓުމަކީ އެއީ ކުރަންޖެހޭނެ ކަމެއް. ކޮންމެޔަކަސް އެ ބޭފުޅުން ވަރަށް އަޑުހަރުކޮށް ވިދާޅުވާ އެއް ބަސްފުޅެއް އެއީ މިއުޒިކް ހުއްދަ ކުރައްވާ ބޭފުޅުން ވެސް އެބަތިއްބެވިއޭ. އެހެންވީމަ އެ ބޭފުޅުންގެ ރަޢުޔަށް އިހްތިރާމްކުރުން އެއީ ކުރަންޖެހޭނެ ކަމެކެވެ. އާދެ އެހެން އެ ބޭފުޅުން ވިދާޅުވާއިރުގައި އިހަށްދުވަހު އުކުޅަހުގައި ސަސްޕެންޑް ކުރެވުނު ތިން ޓީޗަރުން، އެ ޓީޗަރުން ޤަބޫލުކުރައްވާ ގޮތުގައި މިއުޒިކް ހަރާމްކުރައްވާ ބޭފުޅުން ވަރަށް ވެސް ގިނަ. އަދި އެ ބޭފުޅުންގެ ދަލީލުތައް ވެސް ވަރަށް ވެސް ވަރުގަދަ. އެހެންވީމަ އެ ބޭފުޅުންގެ ދަލީލުތަކަށް ބުރަވެވަޑައިގެން އެ ޓީޗަރުން ޤަބޫލުކުރައްވަނީ ތިމަންމެންނަކަށް މިއުޒިކެއް ނުކުޅެވޭނެއެވެ. އަދި ކުދިން ނަށާކަށް، ކިތަންމެ ތުއްތު ކުދިން ކަމުގައިވީ ނަމަވެސް، އެ ކުދިން ތުއްތު އިރުގައި އެފަދަ ނާޗަރަންގީއަކަށް އެފަދަ މުންކަރާތަކަށް އާދަކުރުވުމަކީ އެއީ ތިމަންމެންގެ ފަރާތުން ކުރެވޭނެ ކަމެއް ނޫނޭ. ސަބަބަކީ އެފަދަ މުންކަރާތަކަށް ކުދިން އާދަކުރުވަނީނަމަ އެ ކުދިން ބޮޑެތިވެގެން އެކަން ކުރާ ކޮންމެ ފަހަރަކު އެ ކަން އެ ކުދިންނަށް ދަސްކޮށްދިން މީހުން، އެ ކަމުގެ ބިންގާ އެ ކުދިންނަށް އަޅައިދިން މީހުންނަށް އެ ކަމުގެ ޒިންމާ އަންނާނެތީވެ. ކޮންމެއަކަސް އެއީ ހަރުކަށި ފިކުރު ކަމަށް ދައުވާކުރާ ބޭފުޅުން އެ ބޭފުޅުން އެ ވިދާޅުވަނީ ކޮންމެ ރަޢުޔަކަށް ކޮންމެ ޚިޔާލަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް. އެހެންވެއްޖެ ކަމަށް ވަނީނަމަ އެ ލަވަޔާއި މިއުޒިކާއި ނެށުމާއި އެ ކަންތައްތަކަށް އިންކާރުކޮށް އެ ކަންކަން އެ ކުދިންނަށް ދަސްކޮށްނުދޭނެ ކަމަށް އެ ބުނި ޓީޗަރުންނަށް އަދަބުދިނުމަކީ އެއީ އެ ބޭފުޅުން އަމިއްލައަށް އެ ވިދާޅުވާ އަނެއް މީހާގެ ޚިޔާލަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް އެ ވިދާޅުވާ ވިދާޅުވުމާ ކަނޑައެޅިގެން ޚިލާފަށް ކުރައްވައިފައިވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެން މި ފުރުސަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނަށް ގޮވައިލަން، އެ ބޭފުޅުން އެ އަޅައިފައިވާ އަނިޔާވެރި ފިޔަވަޅު ވަގުތުން ވަގުތަށް އުވާލާ އެ ޓީޗަރުން ވަޒީފާއަށް ނުކުތުމަށް ފުރުސަތު ހުޅުވައިލަން. އެހެން ނޫން ކަމަށް ވަނީނަމަ އޭގެ މާނައަކީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގައި މި އޮތް އިސްލާމީ ވިހުދަތު އަދި ރައްޔިތުންގެ މެދުގައި މި އޮތް އެއްބައިވަންތަކަން ފުނޑާލަން ކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑަށް އެ ކަން ސިފަވެގެންދަނީ. ވަﷲ އަޢުލަމް.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން