ބޭވަފާތެރިވުން ނޫން ކުށްތަކަށް ކިތަންމެ ގިނައިން މާފުކުރަންޖެހުނަސް ފަސްނުޖެހި މާފުކުރާނަމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ! ޝައިޠޯނާއަށް އެގެއަކަށް ނުވެސް ވަދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ބޭވަފާތެރިވުން ނޫން ކުށްތަކަށް ކިތަންމެ ގިނައިން މާފުކުރަންޖެހުނަސް ފަސްނުޖެހި މާފުކުރާނަމަ ލިބޭ އުފާވެރިކަން މާބޮޑުވާނެ! ޝައިޠޯނާއަށް އެގެއަކަށް ނުވެސް ވަދެވޭނެ!

ގިނަ ގޭގޭގައި ޝައިޠޯނާއަށް ބަނޑަހަޖަހަން ފުރުޞަތު ލިބެނީ ދެމަފިރިންގެ މައްސަލަތައް ގިނަވެ ފިތުނަވެރިކަން އޮންނާތީއެވެ. އެކަމަށް އޮތް ޙައްލަކީ ދެމީހުންވެސް އެކަކު އަނެކަކަށް މާފުކުރަން އަވަސްވެގަތުމެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ބޮޑުކަމަކަށް ނުހަދައި މާފުކުރާނަމަ ޝައިޠޯނާއަށް އެގެއަކުން ޖާގައެއް ނުލިބޭނެއެވެ. ޖެހޭނީ އެއްވެސް ކާމިޔާބީއެއް ނުލިބި ގެއިން ނުކުމެގެންދާށެވެ! ދެމަފިރިން ލޯބިން ހިނިތުންވެގެން ތިބޭނަމަ އެގެއަކަށް ޝައިޠޯނާއަކަށް ނުވެސް ވަދެވޭނެއެވެ.  

ރަނގަޅަށް ބަލާށެވެ! 2، 3 މީހުން ތިބި ތަނެއްގައި ނަމަވެސް ދިރިއުޅުމުގެ ޙާލަތުގެ ވާހަކައިން ސުވާލުކޮށްލައިފިނަމަ. ޢާންމު ގޮތެއްގައި އެތަނުން 2 މީހުން ނުވަތަ މަދުވެގެން އެކަކު ބުނާނީ ކައިވެނީި ރޫޅިގެން އުޅޭވާހަކައާއި ދިރިއުޅުން ބަނގުރޫޓުވެގެން އުޅޭކަމުގެ ވާހަކައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިހެން މިކަންކަން މިދިމާވާ ސަބަބު ދނެގަންނަން އެބަޖެހޭ ނޫންހެއްޔެވެ؟  

އެކަމުގެ ސަބަބަކީ މާފުނުކުރުމުގެ ބައްޔެވެ! މާފުކުރުމަކީ އިޚްތިޔާރީ ކަމަކަށް ހަދައިގެން އުޅުމުގެ ބައްޔެވެ؟ އެބަލި ޖެހިފައިތިބި މީހުންނަށް އެވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެއްވެސް ޙާލެއްގައި މާފުކުރުމަކީ އިޚްތިޔާރީކަމެއް ނޫނެވެ. ކިތަންމެ ބޮޑު ކުށެއް ކުރިނަމަވެސް ކުޑަކުށެއް ކުރިނަމަވެސް އަދި ބައެއް ބާވަތުގެ ކުށްތައް ކިތަންމެ ގިނަފަހަރު ތަކުރާރު ކުރެވުނަސް އޮތީ މާފުކުރުމެވެ.  

މިޘާލަކަށް ބަލާނަމަ ބޭވަފާތެރިކަމަކީ ގިނަގިނައިން މާފުނުކުރެވިދާނެ ކުށެކެވެ. ބޭވަފާތެރިވުމަށް ގިނަގިނައިން މާފުކުރަންޖެހޭތީ ކައިވެނި ރޫޅައިލިނަމަވެސް ހިތްހެޔޮކަމާއިއެކު މާފުކޮށްފައި ދެމީހުން ދުރުވާށެވެ! އެކަމަށްޓަކައި އެމީހަކަށް ހިތުގައި ޢަދާވާތްތެރިކަން ނުބާއްވާށެވެ. އޭނާ ފަޟީޙަތްކުރަމުން ނުދުވާށެވެ. ސޯޝަލް މީޑިއާގައި ހާމަކޮށް އެންމެންނަށް ބޭޒާރުނުކުރާށެވެ! އޭނާއަށް މާފުކޮށްފައި ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދޭށެވެ. ގިނަ ފަހަރު އެކަންވެފައި އޮންނާނީ މާފުކުރި މީހާއަށް ލިބެން އޮތް ރަނގަޅު ބޮޑުކަމުން މެދުވެރިވި ކަމަކަށެވެ.  

ދެން އޮތީ ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދި ކަންކަމެވެ. ކިތަންމެ ގިނައިން ތަކުރާރުވިޔަސް މާފުކުރާށެވެ. އެކަމަކު ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ނުލިބޭނަމަ މާފުކުރަން ފަސްނުޖެހޭށެވެ. އެއީ ތިމާއަށް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާނެއްކަމަށް ދެކޭށެވެ.  

މިހެން މިބުނަނީ ކުށް ކުރެވޭލެއް ގިނަކަމުން ދެން އޭނާ އިޞްލާޙް ނުވާނެ ކަމަށް ޤަބޫލުކުރާ އެތައް ބައަކު އިޞްލާޙްވެ އަނެކާގެ ޢަމަލުތައް އިޞްލާޙްކުރަން އެހީތެރިވެދީފައިވެސް އެބަހުއްޓެވެ. އަދި އެއީ ަމދުން މެދުވެރިވާ ކަމެއްވެސް ނޫނެވެ.  

މީސްތަކުންނޭވެ! ފާފަތައް ފުއްސަވައި ދެއްވެވުމުގައި ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަކަން ބޮޑު ރަސްކަލާނގެއެވެ. މީސްތަކުންނަށް ރަޙުމް ކުރެއްވެވުމުގައި އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. އަހުރެމެން އެންމެންނަކީވެސް އެކަލާނގެ އަޅުތަކުންނެވެ. ވީމާ އެހެން މީހުންނަށް މާފުކުރުމުގެ ހިތްވަރު ލިބިގަންނަން ޖެހޭނެއެވެ.  

އަދި ކީއްހެއްޔެވެ؟ މާފުނުކުރަންވެގެން ރޫޅައިލާ ކައިވެނިތަކުގެ ތެރެއިން ގިނަ ކައިވެނި ރޫޅައިލެވުނު ކަމާއިމެދު ފަހުން އޮންނަނީ ހިތާމަކުރަންޖެހިފައެވެ. މާރަނގަޅުވާނެ ކަމަށް ބަލައި ފަހުން ހޯދާ ބައިވެރިޔާ އަކީ ކުރީގެ ބައިވެރިޔާއަށްވުރެ ރަނގަޅު ނޫން ބައިވެރިއެއްކަން އެނގެނީ ދިރިއުޅުން ބަނގުރޫޓުވެގެންދާ ފަހުންނެވެ.  

ވީމާ އުފާވެރި ދިރިއުޅުމަށް އުންމީދުކުރާނަމަ މާފުނުކުރުމުގެ ބަލިން އަވަހަށް ސަލާމަތްވެ މާފުކުރާ މީހަކަށްވާށެވެ! ﷲ ތައާލާ ލައްވަވާ ރަޙްމަތް މާބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން