މީހަކު ނުބައިކުރާތަން ފެންނައިރަށް އޭނާއަސް ވަންނަން ޖެހޭނީ ނަރަކައަށްކަން ނިންމުމާއި އަދި މީހަކު ހެޔޮޢަމަލުކުރާނަމަ އެމީހަކަށް ސުވަރުގެ ލިބުނީކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. ނަރަކައިން ސަލާމަތްވެވުމާއި ސުވަރުގެ ވަދެވުން އެއީ އެހާފަސޭހައިން ގޮތް ނިންމެން އޮތް ކަންކަމެއް ނޫނެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ޙައްޖުވެ، ޢުމުރާވަމުންދާނަމަ އަދި އަޅުކަންކުރަމުންދާނަމަ ސުވަރުގެ ޔަޤީންވީކަމަށެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.
ބައެއް ރިވާޔަތްތަކުގައި އަބޫބަކުރުގެފާނާއި އަނެއްބައި ރިވާޔަތްތަކުގައި ޢުމަރުގެފާނާއި ޙަވާލާދެއްވާފައި އޮންނަ ބަސްފުޅެއް އޮވެއެވެ. އެއީ ތިމަންކަލޭގެފާނުގެ އެއފައިންޕުޅު ސުވަރުގޭގައި އެޅުއްވެވިފައިވީނަމަވެސް ދެފައިންޕުޅު އެކުގައި ސުވަރުގޭގައި ނުއެޅުއްވެވެންދެން ސުވަރުގެ ވަދެވަޑައިގެންނެވުނުކަން އިޙްޞާޞް ނުކުރެއްވެވޭނެއެވެ. (ސުވަރުގެ ވަދެވަޑައިގަނެވިއްޖެކަމަށް ނުނިންމަވާނެ ކަމެވެ.
މިބަސްފުޅުން ވަރަށް ލިބިގެންދަނީ ވަރަށް ވަރުގަދަ މެސެޖެކެވެ. އެމެސެޖުވެސް ހަމަ އެބަސްފުޅުން ލިބިގެންދެއެވެ. "އެއީ އެވަރުންވެސް (އެއް ފައިންޕުޅު ސުވަރުގޭގައި އެޅުއްވެވުނަސް) ﷲ ތަޢާލާ ތިމަންކަލޭގެފާނާއިމެދު ނިންމަވާ ގޮތް ޔަޤީންވެވަޑައިނުގަންނަވާ" ކަމަށް އޮތް ބަސްފުޅުންނެވެ.
މީސްތަކުންނޭވެ! މިދައްކަނީ މިއުންމަތުގެ ފުރަތަމަ 2 ޚަލީފާއިންގެ ވާހަކައެވެ. އެބޭކަލުންގެ ހުރި އީމާންތެރިކަމާއި ތަޤްވާވެރިކަމާއި އަޅުކަންކުރެއްވެވި މިންވަރާއި އަހަރެމެންގެ ޙާލާއި ނިކަން އަޅުވައި ވިސްނައިލަބަލާށެވެ! އެބޭކަލުންނަށް 99 ލިބިވަޑައިގަންނަވާނަމަ އަހުރެމެންނަށް 1 ލިބޭނެ ހެއްޔެވެ؟
އެހެންވީމާ ކިތަންމެ ގިނައިން އަޅުކަން ކުރެވުނަސް ސުވަރުގެ ޔަޤީންވެއްޖެ ކަމަށް ބަލައި އަޅުކަންކުރުމުގައި އިހްމާލް ނުވާށެވެ! ތަޤްވާވެރިކަމާއި ދުރުހެލިނުވާށެވެ! އެފަދަ ވަސްވާސްތައް ދެނީ ޝައިޠޯނާއެވެ. އެއިގައި ބީހިލެވުނަސް މަގުފުރެދި މީހާ ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ!
ވީހާ ގިނައިން އަޅުކަންކުރެވޭނަމަ އޮތީ އުފާކުރުމެވެ. އުފާކުރަން ކުރަން އޮތް ކަމަކީ އެހައި ގިނައިން އަޅުކަން ކުރުމުގެ ވިސްނުން ދެއްވަވައި މަގުފަހިކޮށްދެއްވެވި ކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވާން ކުރަން އޮތް ކަމަކީ ކިޔަމަންތެރިކަން އަދާކުރުމުގައި، އަޅުކަންކުރުމުގައި އަދި ތަޤްވާވެރިކަމުގައި އިތުރަށް ކުރިއަރައިދާން މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން