ދުނިޔަވީ މިޘާލަކުން ފަށާނަމެވެ. މީހަކު ތަނެއްގައި ވަޒީފާ އަދާކުރަނީއެވެ. މަހުގެ ގިނަ ދުވަސްތަކެއްގައި ކިތަންމެ ރަނގަޅަށް މަސައްކަތްކޮށްފައި ނަމަވެސް މަހުގެ ފަހުކޮޅު ފަރުވާކުޑަކޮށްލައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މަހުގެ ފަހުކޮޅު ވަޒީފާއަށް ނުނުކުންނަނަމަ ހަމަ މުސާރަ ލިބޭނެ ހެއްޔެވެ؟
އެއްވެސް ޝައްކެއްނެތެވެ. އެފަދަ މީހެއްގެ މުސާރައިން ބޮޑުބައެއް އުނިވާނެއެވެ. އަދި ޖުރުމަނާވަމުންގޮސް މުސާރައެކުގައި ނުލިބިވެސް ހިނގައިދާނެއެވެ.
ރަމަޟާން މަހާއިމެދުގައިވެސް ވިސްނަންވީ ހަމަ މިގޮތަށެވެ. ރަމަޟާން މަހުގެ ފަހުކޮޅުގައި ފަރުވާކުޑަކޮށްލައިފިނަމަ ދެއްވަވަން އޮތް ޘަވާބުން ބޮޑު ބައެއް އުނިވެގެން ދިއުމަކީ ވަރަށް ގާތުގައި އޮތްކަމެކެވެ. ސަބަބަކީ އެކަމުން އެއެނގެނީ އެމީހެއްގެ ހިތުގައި އެމީހާގެ ފާފަތައް ފުހެވި ސުވަރުގެ ވަނުމަށް ޝައުޤުވެރިކަމެއް ނެތްކަމެވެ.
އެފަދަ މީހުންނާއިމެދު ﷲ ތަޢާލާ ނިންމަވާނީ ކޮންގޮތަކަށްކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގަތުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ އަހުރެމެންނަށް އޮތީ ޝައްވާލު މަހުގެ ހަނދު ފެންނަންދެން ގަދައަޅައި މަސައްކަތްކުރުމަށެވެ. ރަމަޟާން މަހުގެ ފައިޑާ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރި މީހަކަށް ވެވޭނީ އެއިރުންނެވެ.