ބައެއް ކިޔުންތެރިންގެ ކިބައިން ލިބެމުން އަންނަ ކަންބޮޑުވުމަކަށް ޖަވާބު އަރުވަން މަސައްކަތްކުރާނަމެވެ. ޖަވާބަށް ދިއުމުގެ ކުރިން ދަންނަވާލަން ބޭނުންވަނީ މިޙާލަތުގައި ގިނައިން ވުޟޫކުރައްވަން ޖެހިލައްވާތީ ކަންބޮޑުވެނުލައްވާށެވެ! ކުރައްވާ ކޮންމެ ވުޟޫއަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. އަދި ވުޟޫ ދުޢާކިޔުމުންވެސްމެއެވެ.
ކުރިމަތިފަރާތް އަބަދު ތެތްކޮށް ހުރުމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ؟
ކުރިމަތިފަރާތް ތެތްކޮށް ހުރުމުގެ މާނައަކީ އެތަނުން ނިކުންނަ ފެނަކީ ނަޖިހަކަށް ވުމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޠާހިރު އެއްޗެކެވެ. ކުރިމަތިފަރާތް އަބަދު ތެތްކޮށް ހުރުމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުއްޓެވެ.
ޖުމްހޫރު (ގިނަ) ޢިލްމުވެރިން ބުރަވެލައްވަނީ ކުރިމަތިފަރާތް އަބަދު ތެއްކޮށް ހުންނަ ނަމަ ކޮންމެ ނަމާދަކަށް ވުޟޫ ކުރަން ޖެހޭނެކަމަށެވެ. ސަބަބަކީ އިސްތިޙާޟާ ގެ އަންހެނުންނަށް ވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަންގަވާފައިވަނީ ކޮންމެ ނަމާދަކަށް ވުޟޫ ކުރުމަށެވެ.
އަލްއިމާމް އިބްނު ޙަޒްމު- ރަޙިމަހުﷲ- ދެކިލައްވަނީ ވުޟޫ ކުރަން ނުޖެހޭނެ ކަމަށެވެ.
މިމައްސަލާގައި އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ މިފަދަ ކަމެއް މެދުވެރިވެފައިވާ އަންހެނުން ކޮންމެ ނަމާދަކަށް ވުޟޫ ކުރުމެވެ. واللهأعلم
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް