ﷲ ތަޢާލާއަށް ބިރުވެތިވާ، ނަމާދުތަކަށް ރައްކައުތެރިވާ އަޅުންނަށް މިއަދުވެސް ސުލައިމާންގެފާނަށާ ޔޫސުފްގެފާނަށް ދެއްވެވިފަދަ ނިޢްމަތްތައް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ﷲ ތަޢާލާއަށް ބިރުވެތިވާ، ނަމާދުތަކަށް ރައްކައުތެރިވާ އަޅުންނަށް މިއަދުވެސް ސުލައިމާންގެފާނަށާ ޔޫސުފްގެފާނަށް ދެއްވެވިފަދަ ނިޢްމަތްތައް ދެއްވަވާނެ! އިން ޝާ ﷲ

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ރައްކައުތެރިވާން އޮތީ ފަރުޟު ނަމާދުތަކަށެވެ. ހަމައެއާއިއެކު ރައްކައުތެރިވާންވީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ނުވަތަ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމަށެވެ. މި ދެ ކަންތަކަށް ދޭންޖެހޭ ސަމާލުކަންދޭ އަޅުންނަށް، އެމީހަކަށް އިތުރަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

ﷲ ތައާލާއަށް ބިރުވެތިވެ ޙަރާމްކަމެއް ކުރުމުން ދުރުހެލިވެގެންފި މީހަކަށް ﷲ ތައާލާ ދެއްވަވާނެ ނިޢްމަތްތައް ގުނައި ވަޒަނެއް ނުކުރެވޭނެއެވެ. މިހެން ބުނީމާ ތިއަކިޔަނީ ކީކޭތޯ ސުވާލު ކުރާނެ ބައަކު އުޅޭނެއެވެ.

އެންމެ ނަމާދެއް އެޅުއްވެވިގެން އެކަމުގެ ބިރުފުޅަށް ސުލައިމާންގެފާނު އުދުހޭ އަސްތައް ޤުރްބާން ކުރެއްވެވުމުން ދަތުރުފުޅު ކުރައްވަވަން ވައި ނުދެއްވަވާހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުފުޅުން ޒިނޭ ނުކުރެއްވެވުމުން ޔޫސުފްގެފާނަށް މިޞުރުގެ ވެރިކަން ނުދެއްވަވާ ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ މިއަދުވެސް ﷲ ތަޢާލާ މީސްތަކުންނަށް ނިޢްމަތްތައް ނުދެއްވަވަނީއެއް ނޫނެވެ. އިންތިހާއަށް ބޮޑެތި، ގިނަގުނަ ނިޢުމަތްތައް ދެއްވަވައެވެ. އެކަމަކު މިއަދު ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް ވަޒަން ނުކުރެވެނީއެވެ. ނިޢްމަތްތައް ލިބުމުން އެއީ ﷲ ތަޢާލާ ދެއްވެވި ނިޢްމަތް ކަމަށް ޤަބޫލުނުކުރެވެނީއެވެ.

ކިތަންމެ ބޮޑު އުފާވެރިކަމެއް ލިބެން އޮތް ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އަރައިނުގަންނާށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އެފާފައެއް ކުރުމުން ދުރުހެލިވާށެވެ. އެމީހަކަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އެމީހަކު ބާރުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ

--އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން