ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ސްކޫލްތަކަށް ފޯރުކޮށްދީ ނިންމާނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިކަމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި މަސައްކަތް ފައްޓަވާފައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވި ގޮތުގައި ދިރާސީ އައު އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކެއް މިހާރުވަނީ ޕްރިންޓްކޮށް ނިމި، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުގައެވެ. އަދި މިހާތަނަށް 81 އިންސައްތަ ފޮތް ސްކޫލްތަކަށް ފޮނުވާ ނިމިފައިވާއިރު، ބާކީ ހުރި ފޮތްތައްވެސް އަންނަ ހަފުތާގެ ތެރޭގައި ފޯރުކޮށްދީ ނިންމާލެވޭނެއެވެ.
މީގެކުރިން ބެލެނިވެރިންގެ ފަރާތުން އައި އެންމެ ބޮޑު ޝަކުވާއަކީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްފަހު އެތައް ހަފްތާތަކެއް ވަންދެން ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ނުލިބި ލަސްވުމުގެ މައްސަލައެވެ. ނަމަވެސް މިފަހަރު ސަރުކާރުން ވަނީ މި މައްސަލަ ހައްލުކުރުމަށް އިސްކަންދީ، ކިޔެވުން ފެށުމުގެ 4 މަސް ކުރިން މި މަސައްކަތް ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރިވަރުންގެ ކަންކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. އަންނަ މަހުގެ 6 ވަނަ ދުވަހު ފެށޭ އައު ދިރާސީ އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ދަރިވަރުންނަށް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.