ޢަލީ އިޙްޞާން ފިރާޤް
މުޢާވިޔަތުގެފާނަކީ ވަރަށް ދުރުވިސްނިވަޑައިގަންނަވާ ބޭކަލެކެވެ. ވިސްނުންފުޅު ތޫނު ބޭކަލެކެވެ. ދެން އެކަލޭގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ އިސްލާމީ ދުނިޔޭގެ ގިނަ މީހުން ޔަޒީދު ވަލީއަހުދަކަށް އައްޔަން ކުރުމަށް ރުހޭތޯ ނުވަތަ ނޫންތޯ ބެއްލެވުމަށެވެ. އެހެންކަމުން މަދީނާގެ ގަވަރުނަރު މަރްވާން ބިން ޙަކަމް އާއި ބަޞްރާގެ ގަވަރުނަރު ޒިޔާދު ބިން އަބީސުފްޔާނަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީގައި ވިދާޅުވެފައިވެއެވެ.
[ތިމަންކަލޭގެފާނު މިހާރު އުމުރުން ދުވަސްވެ މުސްކުޅިފުޅުވެއްޖެއެވެ. ޚަލީފާއަކު އައްޔަންކުރުމަށްޓަކައި މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވެ، މައްސަލަތަކެއް އުފެދޭކަށް ބޭނުމެއްނޫނެވެ. ތިމަންކަލޭގެފާނު ބޭނުންވަނީ ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ޚިލާފަތުގެ މަޤާމަށް މީހަކު އައްޔަންކުރާށެވެ. މުސްކުޅީންގެ ތެރެއިން ޚަލީފާކަމުގެ މަޤާމަށް އައްޔަން ކުރާނެ ރަނގަޅު މީހަކު ތިމަންކަލޭގެފާނަކަށް ފެނިވަޑައެއްނުގެންނެވިއެވެ. ޒުވާނުންގެ ތެރެއިން ތިމަންކަލޭގެފާނަށް ޚަލީފާކަމުގެ މަޤާމަށް އައްޔަން ކުރަން އެންމެ ފެންނަނީ ތިމަންކަލޭގެފާނުގެ ދަރިކަލުން ޔަޒީދެވެ. ތިޔަބައިމީހުން މީސްތަކުންނާ މަޝްވަރާކުރުމަށްފަހު ޔަޒީދު އަށް ޚަލީފާކަމުގެ ބައިޢަތު ހިފުމަށް މީސްތަކުންނަށް ވިސްނައިދޭށެވެ.]
ޒިޔާދު ބިން އަބީ ސުފްޔާނަށް މި ސިޓީ ލިބިވަޑައިގެންނެވުމުން ބަޞަރާގެ ވެރިއެއްކަމުގައިވާ عبيد بن كعب النميري (ޢުބައިދު ބިން ކަޢުބު) އަށް އެ ސިޓީފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވިއެވެ.
[އަޅުގަނޑުގެ ނަޒަރުގައި އަމީރުލް މުއުމިނީން މިކަމުގައި އަވަސް އަރުވާލައްވައިފިއެވެ. ރަނގަޅަށް ވިސްނާވަޑައިނުގެން ގޮތެއް ނިންމަވައިފިއެވެ. އެހެނީ ޔަޒީދަކީ ކުޅިވަރުތަކުގައި އަވަދިނެތި އުޅޭ ޒުވާނެކެވެ. އޭނާއަކީ ދަތުރުކުރެއްވުމާއި، ޝިކާރަކުރެއްވުމުގައި މަސްޣޫލުވެވަޑައިގެން އުޅުއްވާ ބޭކަލެއްކަން އެންމެހައި މީސްތަކުންނަށްވެސް އެނގޭނެއެވެ. އެހެންކަމުން މީސްތަކުން އޭނާއަށް ބައިޢަތު ހިފުމަށް ފަސްޖެހޭނެއެވެ.]
އަނެއްކާވެސް عبيد بن كعب އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. [ކަލޭގެފާނު އަމީރުލް މުއުމިނީންގެ ޚިޔާލުފުޅާ ދެކޮޅު ހައްދަވާނެކަމެއްނެތެވެ. އަޅުގަނޑު ދިމިޝްޤަށް ފޮނުއްވައިދެއްވާށެވެ. އަޅުގަނޑު ދިމިޝްޤަށް ގޮސް ޔަޒީދާ ބައްދަލުކޮށް އެކަލޭގެފާނުގެ އުޅުން އިސްލާހުކުރުމަށް ދަންނަވާނަމެވެ. ޔަޒީދު މި ނަސޭހަތް ޤަބޫލުކުރައްވާނެކަން ޔަޤީނެވެ. ޔަޒީދު އެކަލޭގެފާނުގެ އުޅުން އިސްލާހުކޮށްފިނަމަ މީސްތަކުން އެއްވެސް ފަސްޖެހުމެއްނެތި އެކަލޭގެފާނަށް ބައިޢަތު ހިފައިފާނެއެވެ. އޭރުން އަމީރުލް މުއުމިނީންގެ މަޤުޞަދުވެސް ފުރިހަމަވެގެންދާނެއެވެ.]
ޒިޔާދަށްވެސް މި ޚިޔާލުފުޅު ވަރަށް ކަމުދިޔައެވެ. އެހެންކަމުން عبيد بن كعب ދިމިޝްޤަށް ފޮނުއްވިއެވެ. އޭނާ ދިމިޝްޤަށްވަޑައިގެން ޔަޒީދާ ބައްދަލުކުރައްވާ އިސްވެދެންނެވި މޭރުމުން ވާހަކަފުޅު ދެއްކެވިއެވެ. ޔަޒީދު އޭނާގެ ޚިޔާލަށް އިޙްތިރާމު ކުރިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔަޒީދުގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ ދޫތައް ބަންދުވެގެންދިޔައެވެ.
މަދީނާއަށް ފޮނުއްވި ސިޓީ މަރުވާނަށް ލިބުމުން އޭނާ މަދީނާގެ ޢިއްޒްތެރިން އެއްކުރައްވާ އެބައިމީހުންނަށް ސިޓީ ކިޔައިދެއްވިއެވެ. އާމިރުލް މުއުމިނީން ޤަޞްދުކުރައްވަނީ އެކަލޭގެފާނުގެ ހެޔޮ ޙަޔާތްޕުޅުގައި، ވަލީއަހުދެއް އައްޔަންކުރެއްވުމަށެވެ. އެއީ ފިތުނަ ފަސާދައިން މީސްތަކުން ރައްކާތެރި ކުރެއްވުމަށްޓަކައެވެ. މި ވާހަކަ އަޑުއަހައި، އެ އެންމެންވެސް މި ޚިޔާލަށް ތާއީދުކުރިއެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން މަރްވާން ބިން ޙަކަމް އަނެއްކާވެސް މީސްތަކުން އެއްކުރައްވައި އަމީރުލް މުއުމިނީންގެ ދެވަނަ ސިޓީއެއް ދިމިޝްޤުން އަތުވެއްޖެކަން އިޢުލާން ކުރެއްވިއެވެ. އޭގެ ލިޔުއްވައިފައިވަނީ މުސްލިމުންނަށް ހެވަކަށްޓަކައި ވަލީއަހުދަކަށް އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދު އައްޔަންކުރެއްވި ވާހަކައެވެ. މިވާހަކަތައް އަޑުއައްސަވައިފައި، ޢަބްދުއްރަޙްމާން ބިން އަބީބަކުރު، ޢަބްދުﷲ ބިން ޢުމަރު، ޢަބްދުﷲ ބިން ޒުބައިރު، އަދި ޙުސައިން ބިން ޢަލީ މިކަމާ ވަރަށް ވަރުގަދައަށް ދެކޮޅު ހެއްދެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. [މި އިންތިޚާބަކީ މުސްލިމުންނަށް އެއްވެސް ހެވެއް ލިބޭނެ އިންތިޚާބެއްނޫނެވެ. މުސްލިމުން ހަލާކުވެ ބަރުބާދުވާނެ އިންތިޚާބެކެވެ. ސަބަބަކީ މިގޮތަށް ކަންތައްކޮށްފިނަމަ އިސްލާމީ ޚިލާފަތް ވެގެންދާނީ ޤައިސަރާއި ކިސްރާގެ ރަސްކަންފަދަ ރަސްކަމަކަށެވެ. ބައްޕަ މަރުވާއިރަށް ދަރިފުޅު ތަޚުތުގައި އިށީންނާނެވެ. މިއީ އިސްލާމްދީނުގެ ރޫހާ މުޅީން ޚިލާފުކަމެވެ.]