ނަމާދުނުކޮށް ހުންނަން ބިރުނުގަންނަނީ ވަޤުތުން ކޯފާ ނުފޮނުއްވަވާތީތަ؟ ނަރަކައިގެ އަލިފާން ފޮނުއްވަވައި ގައިގަ ނުޖައްސަވާތީތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ނަމާދުނުކޮށް ހުންނަން ބިރުނުގަންނަނީ ވަޤުތުން ކޯފާ ނުފޮނުއްވަވާތީތަ؟ ނަރަކައިގެ އަލިފާން ފޮނުއްވަވައި ގައިގަ ނުޖައްސަވާތީތަ؟: މުފްތީ މެންކް

އަހުރެން މިކުރާ ދެސުވާލަށް ނިކަން ޖަވާބުދީބަލާށެވެ! ނަމާދުނުކޮށް ހުންނަން ބިރުނުގަންނަނީ ވަޤުތުން ކޯފާ ނުފޮނުއްވަވާތީތަ؟ ނަރަކައިގެ އަލިފާން ފޮނުއްވަވައި ގައިގަ ނުޖައްސަވާތީތަ؟ މި ދެ ސުވާލަށެވެ.  

ދުނިޔެއަކީ އިމްތިޙާނު ކުރެއްވެވުމުގެ މަންޒިލެވެ. ނަތީޖާ އެމީހަކަށް ދައްކަވާނީ ޤިޔާމަތް ދުވަހުއެވެ. ނަތީޖާގައި ތިމާ ފޭލްވުމުން އަލުން އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދެއްވަވާނެތެވެ. ވީމާ މިއިމްތިހާނުން ފާސްވާން ގަދައަޅައި މަސައްކަތްނުކޮށްފި މީހަކަށް ސަލާމަތްކަމެއް ނެތެވެ. 

ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. މީސްތަކުންގެ މައްޗަށް އިމެއްނެތި ރަޙުމް ކުރައްވަވާ ރަސްކަލާނގެއެވެ. ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެހެންކަމާއިއެކުގައިވެސް ބައެއް ފާފަތައް ކުރުމަށްފަހު ތައުބާ ނުވާ މީހުންނަށް އެކަލާނގެ ކޯފާވެވޮޑިގަންނަވައެވެ. އެކަމުން ދަސްކުރަންޖެހޭ ފިލާވަޅަކީ އެފަދަ ފާފައަކާއި ކައިރިވެސްވެގެން ނުވާނެކަމެވެ.  

އެހެންކަމާއިއެކުގައިވެސް މިއަދު މީސްތަކުން މިވަނީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުކެނޑިފައެވެ. ﷲ ތައާލާގެ ޢަޛާބަށް ބިރެއް ނުގަނެއެވެ. ބިރުގަންނަނީ ދުނިޔަވީ ކަންކަމަށެވެ. ކުޑަކުޑަ މިޘާލެއްގެ ގޮތުން ބުނެލާނަމެވެ. މިމިސްކިތުގެ ބޭރުގައި ރުޅިއައިސްގެން އުޅޭ މިނިކާވަގެއް ނުވަތަ ސިންގާއެއް ފަދަ ބިރުވެރި ޖަނަވާރެއް އޮތްކަން އެނގިއްޖެނަމަ ނުވަތަ ބަޑިއެއް ހިފައިގެން މީހަކު އުޅޭކަން އެނގިއްޖެނަމަ ހަމައެކަކުވެސް މިސްކިތަކުން ނުނުކުންނާނެއެވެ.

ނަމަވެސް މިވެނި ފާފައެއް ކުރުމުން ﷲ ތަޢާލާ އެމީހަކު ދެކެ ކޯފާވެވޮޑިގަންނަވާނެ ކަމާއި މިވެނިހައި ގަދަފަދަ ޢަޛާބު ދެއްވަވާނެކަން އެނގޭއިރުވެސް އެފަދަ ފާފަތައް ކުރަން ބިރެއް ނުގަނެއެވެ. އެކަމުން އެނގެނީ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކުކަމުގައި އެމީހަކު ބުނި ނަމަވެސް އެމީހެއްގެ ހިތުގައި ބިރުވެތިކަން ނެތްކަމެވެ. އެމީހެއްގެ ކިބައިގައި އެހުރީ މުނާފިޤްކަމުގެ ސިފަތައްކަމެވެ.  

މީސްތަކުން ﷲ ތަޢާލާއަށް ބިރުވެތިނުވާނަމަ އެބައަކަށް ކޯފާލައްވަވާނެކަން ސޫރަތުލް ފާތިޙާ އިންވެސް  އެބައޮތެވެ.  غَيْرِ الْمَغْضُوبِ عَلَيْهِمْ "އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ..." އޮތުމުންނެވެ. 

މީސްތަކުންނޭވެ! ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ވަޙީ ކަމާއި ރަސޫލް ގެ ސުންނަތް އަހަރެމެންނަށް އެބަ އެނގެއެވެ. އެކަންކަން އެނގިތިބެ ޢަމަލުނުކުރުމުން އެމީހެއްގެ މައްޗަށް ﷲ ތަޢާލާގެ ލައްނަތް ޙައްޤުވާނެއެވެ. އެމީހަކަށް ކޯފާވެވޮޑިގަންނަވާނެއެވެ. އެމީހަކަށް ﷲ ތަޢާލާ ލައްނަތް ލައްވަވައިފިނަމަ އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟  

ﷲ ތަޢާލާ އިބިލީހަށް ލައްނަތް ލެއްވެވީ ކީއްވެގެން ހެއްޔެވެ؟ 2 ސަބަބަކަށްޓަކައިކަން ﷲ ތަޢާލާގެ ވަޙީބަސްފުޅުން އެނގެން އެބަ އޮތެވެ. އެއީ އޭތީގެ ބޮޑާކަމާއި ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޝުކުރުނުކުރުމެވެ.  

ދަސްކުރަންޖެހޭ ފިލާވަޅަކީ މި 2 ސިފަ ހުރެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވެއްޖެކަމެވެ. އެމީހަކަށް ލަޢްނަތް ލައްވަވާނެ ކަމެވެ. 

މީސްތަކުންނޭވެ! ފަތިސްވުމުން ނިދީން ހޭލައި ނަމާދުކުރަން މިޖެހެނީ އެހެންވެގެންނެވެ. އެހެން ފަރުޟް ނަމާދުތައްވެސް އެނަމާދެއްގެ ވަޤުތުގައި ކުރަން މިޖެހެނީ އެހެންވެގެންނެވެ. ނަމާދު ނުކުރާނަމަ އެމީހަކީ ޝުކުރުވެރިވާ އަޅެއްކަމުގައިނުވާނެއެވެ. އެމީހަކު ހިމެނިގެންދާނީ ﷲ ތަޢާލާގެ އަމުރުފުޅަށް އިންކާރުކުރާ މީހުންގެ ތެރެއިންނެވެ. 24 ގަޑިއިރުގެ ވަޤުތު ދެއްވެވުމަށްފަހު އެންމެ 24 މިނިޓްއިރު ނަމާދުކުރަން އެންގެވުމުން އެކަން ނުކުރީމާ ކިޔަމަންތެރިކަމެއް ޝުކުރުވެރިކަމެއް ކޮބައިހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން