މީހަކަށް ކިތަންމެ ބޮޑު ޢަދަދެއް ނަމަވެސް އަދި ކުޑަ ޢަދަދެއް ނަމަވެސް ދަރަންޏަށް ދެވޭނީ ތިމާގެ ކިބައިގައި ތަނަވަސްކަން އެވަރަށް ހުރިނަމައެވެ. އެތަނަވަސްކަން ދެއްވެވީ ﷲ ތަޢާލާއެވެ. އެތަނަވަސްކަން ދެއްވެވިފަދައިން މާބޮޑުތަނުން އިތުރުކޮށްދެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.
ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ދަރަނި މާފުކުރުމަކީ ލިބޭ ގެއްލުމެއް ކަމަށެވެ. ދަރަނި މާފުކުރާނަމަ އަތުގައި ފައިސާ މަދުވެ ފަޤީރުވެދާނެ ކަމަށެވެ. ނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. އެއީ އެގޮތަށް އޮތްކަމެއް ނޫނެވެ.
ދަރަނިވެރިޔާގެ ޙާލަތު ދެނެގަންނާށެވެ. އޭނާހުރީ ދަރަނި އަދާކުރެވޭވަރުގެ ޙާލަތެއްގައިކަމަށް ނުވާނަމަ ދަރަނި ހޯދަން ނުވެސް އުޅެ އަވަހަށް ދީލަތިކަމާއިއެކު މާފުކުރާށެވެ. އެއިރުން އެކަންވެގެންދާނީ އެންމެ މަތިވެރި ޞަދަޤާތުގެ ތެރެއިންނެވެ. އެއިރުން އެކަމުގެ ބަދަލު ﷲ ތަޢާލާ މާފުރިހަމައަށް ދެއްވެވާނެތެވެ.
ވަރަށް އާދައި މިޘާލެއް ބުނެފާނަމެވެ. ތިބާގެ އަތުގައި އޮތް 100 ރުފިޔާ އޮތީ ބޭންކެއްގައެވެ. އަހަރުވުމުން ޙިއްޞާ ބަހައިގެން ފައިދާއަށް ލިބޭނީ 5 ރުފިޔާކަމަށްވެދާނެއެވެ. އެކަމަކު ހަމަ އެ 100 ރުފިޔާ އެހެންކަމަކަށް އިންވެސްޓްކޮށްފިނަމަ 1000 ރުފިޔާ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ނަމަ ބޭންކުގައި އެރުފިޔާ ބަހައްޓާނަން ހެއްޔެވެ؟
ތިމާގެ ކިބައިގައި ދަރަނި މާފުކުރުމުގެ ތަނަވަސްކަން ހުރިނަމަ ނިކަމެތިންގެ ދަރަނި މާފުކުރަންވީ މި ސަބަބަށްޓަކައެވެ. އިމެއް ނެތި ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލައްވަވާނެތީއެވެ. ދުނިޔޭގައިވެސް ތަނަވަސްކަން އިތުރުކޮށް ދެއްވަވައި އަދި އާޚިރަތުގައި އެތައް ގުނައަކަށް ޘަވާބު ދެއްވަވާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން