ބަރަކާތުން ފުރިގެންވާ ރަމަޟާންމަސް އައުމުން ގިނަ ބައަކު ރޭއަޅުކަންކުރަން މިސްކިތްތަކަށްދެއެވެ. އެންމެންނަކީ އެއްވިސްނުމެއްގެ ބައަކަށް ނުވާނެއެވެ. އެކި މީހުންގެ ކިބައިން ތަފާތު އެކި ކަންކަން ފެންނާނެއެވެ.
ބައެއް މީހުންނަށް ޤަޞަދަކާއި ނުލައިވެސް ނުރަނގަޅު ކަންކަންވެސް ކުރެވޭނެއެވެ. އެއީ އެކަންކަން އެމީހުންނަށް އެންމެ ރަނގަޅަށް އޮޅުންފިލާފައި ނުވާތީއެވެ. މިގޮތުން ކުރެވޭ އެއްކަމަކީ އެކަމެއްގައި ދެއްކުންތެރިކަން ހިމެނިގެންވާ ބައެއް ކަންކަމެވެ.
މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ނޫންނަމަ ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެގެން ހިނގައިދާނެ ކަމެވެ.
ތިރީގައިވާ ލިޔުން ރަނގަޅަށް ބައްލަވާށެވެ!
މާނައީ: "މަސީޙުއް ދައްޖާލުގެ ފިތުނައަށް ވުރެވެސް ތިޔައިބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއްގެ ޚަބަރު ދެއްވަން ހެއްޔެވެ؟" (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ޚަބަރު ދެއްވާށެވެ.)" ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ފޮރުވިފައިވާ ޝިރުކެވެ. ފަހެ އެއީ (ނުވަތަ އޭގެ މިޘާލަކީ) ތިޔަބައިމީހުން ކުރެ މީހަކު ނަމާދުކުރުމަށް ތެދުވެފައި މީހަކު ބަލާތީވެ އެނަމާދު ރިވެތިކުރުމެވެ."
އޮތް ބަސްފުޅަށް ސަމާލުކަން ދެއްވާށެވެ. މިފަދަ ކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ކުރާ އަޅުކަމަށް ޘަވާބު ލިބުމުގެ ބަދަލުގައި މުޅިން އެހެން ގޮތަކަށް ޢަމަލު ފުރޮޅިގެން ހިނގައިދާނެއެވެ. އެއީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫނެވެ.
ޢަޤީދާގެ ތެރެއިން ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގެންނެވި ކަމަކީ ދެއްކުންތެރިކަމެވެ. އެހެން މީހުންނަށް ދެއްކުމަށްޓަކައި އަޅުކަންތައް ޒީނަތްތެރިކުރުމެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: «الرِّيَاءُ». [رواه أحمد (23630)، وصححه الألباني في سلسلة الأحاديث الصحيحة (951)]
މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވަނީ ކުޑަ ޝިރުކަށެވެ." (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ކުޑަ ޝިރުކަކީ ކޮބާ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "(އެއީ) ދެއްކުންތެރިކަމެވެ."
އަދި ކިއެއް ހެއްޔެވެ. މަސީޙުއް ދައްޖާލުގެ ފިތުނައަށް ވުރެ ބޮޑަށް، މިކަމަށް އެކަލޭގެފާނު އުންމަތަށް ބިރުފުޅުގެން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«أَلَا أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟» قَالَ: قُلْنَا: بَلَى، فَقَالَ: «الشِّرْكُ الْخَفِيُّ، أَنْ يَقُومَ الرَّجُلُ يُصَلِّي، فَيُزَيِّنُ صَلَاتَهُ، لِمَا يَرَى مِنْ نَظَرِ رَجُلٍ» [رواه ابن ماجه (4204)، وحسنه الألباني في مشكاة المصابيح (5333)]
މާނައީ: "މަސީޙުއް ދައްޖާލުގެ ފިތުނައަށް ވުރެވެސް ތިޔައިބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއްގެ ޚަބަރު ދެއްވަން ހެއްޔެވެ؟" (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ޚަބަރު ދެއްވާށެވެ.)" ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ފޮރުވިފައިވާ ޝިރުކެވެ. ފަހެ އެއީ (ނުވަތަ އޭގެ މިޘާލަކީ) ތިޔަބައިމީހުން ކުރެ މީހަކު ނަމާދުކުރުމަށް ތެދުވެފައި މީހަކު ބަލާތީވެ އެނަމާދު ރިވެތިކުރުމެވެ."
* ކުޑަ ޝިރުކާމެދު އެކަލޭގެފާނުގެ އުންމަތަށްޓަކައި އެހާ ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވާއިރު، ބޮޑު ޝިރުކާމެދު ބިރުފުޅުގެން ވަޑައިގަންނަވާނެ މިންވަރު ވިސްނަވާށެވެ. އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ތައުޙީދަކީ (ﷲ އެއްކައުވަންތަކުރުމަކީ) އެންމެ ނާޒުކު އެންމެ ސާފު ޠާހިރު އެއްޗެވެ. ފަހެ ކުޑަކަޑަ ކަމެއްގެ ސަބަބުންވެސް އޭގައި ކޫރު އެޅި ހަޑިވެއެވެ. އެއީ ހުދު ހެދުމެއް ފަދަ އެއްޗެކެވެ. ކިތަންމެ ކުޑަ އެއްޗެއްގެ ސަބަބުންވެސް އެއަށް އަޘަރުކުރުވައެވެ. އަދި އެއީ ވަރަށް ސާފު ލޯގަނޑެއް ފަދަ އެއްޗެކެވެ. ކިތަންމެ ކުޑަ އެއްޗެއްގެ ސަބަބުންވެސް އެއަށް އަޘަރުކުރުވައެވެ.” [الفوائد لابن القيم (ص: 282)]
އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތް އެހެން ޝަރީޢަތްތަކުގެ މައްޗަށް ޚާއްޞަވެގެންވަނީ އޭގެ ފުރިހަމަކަމާއި ލުއިފަސޭހަކަމުގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يُرِيدُ اللَّهُ بِكُمُ الْيُسْرَ﴾ [سورة البقرة 185]
މާނައީ: "ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވައެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ."
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«بُعِثْتُ بِالْحَنِيفِيَّةِ السَّمْحَةِ». [رواه أحمد (22291)، وصححه الألباني في سلسلة الأحاديث الصحيحة (2924)]
މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ (ޝިރުކުން އެއްކިބާވެ ތައުޙީދާ ދިމާއަށް ލެނބިފައިވާ އިބްރާހިމްގެފާނުގެ މިއްލަތުކަމުގައިވާ) ޙަނީފިއްޔަތާއި ލުއިފަސޭހަކަމާއިގެންނެވެ."
الشيخ عبد المحسن بن محمد القاسم – حفظه الله މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއިން-
މަސްދަރު: ދިސަލަފިއްޔާ