ﷲ ތަޢާލާ ދެއްވަވާ ރިޒުޤަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެއަށް ރައްކައުތެރިވާންވެސް ޖެހޭނެއެވެ. ނޫންނަމަ އުނިކުރެއްވެވުމަކީ މެދުވެރިވަމުން އަންނަ ކަމެކެވެ.
ރިޒްޤް އިތުރަށް ބޭނުންވުމަކީ އަބަދުވެސް އިންސާނުން އެންމެ އެދޭ އެއްކަންތަކެވެ. އެހެންކަމާއިއެކުގައިވެސް ރިޒުޤް ދެއްވެވުމުން އެއަށް އަމާނާތްތެރިވެވެނީ މަދު މީހަކަށެވެ. ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ކާބޯތަކެތީގެ އެއްވެސް މިންވަރެއް އިސްރާފްކުރުމަކީ ދެއްވެވި ރިޒުޤަށް ޚިޔާނާތްތެރިވުމެވެ.
މިއާޔަތް އެންމެންނަށްވެސް އެނގެއެވެ. ކޮންމެ ހުކުރު ދުވަހަކުވެސް ޚުޠުބާތަކުގައިވެސް ކިޔައެވެ. އެހެނަސް އަޑުއިވޭތަނެއް ނުފެނެއެވެ. މާނައަކީ އަމަލުކުރެވޭތަން ނުފެންނަކަމެވެ.
﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ [الأعراف: 31]
މާނައީ:
"އަދި ތިއަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެއިލާހު ލޯބިވެ ވޮޑިގެނެއް ނުވެއެވެ."
މީސްތަކުންނޭވެ! މިއާޔަތުގައި ބަޔާންކުރައްވަވާފައިއެވަނީ "އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެއިލާހު ލޯބިވެ ވޮޑިގެނެއް ނުވެއެވެ." މިފަދައިންނެވެ. އެކަމެއް ކުރުމުން ﷲ ތަޢާލާގެ ލޯބިޮވެވޮޑިގަތުން ނުލިބޭނެކަން ވަޙީކުރައްވަވާފައިވާއިރު އެއްވެސް ޖެހިލުމެއް ނެތި އިސްރާފުކުރަމުން ރިޒްޤްތަނަވަސްވުމަށް އެދި ދަންނަވާނީ ކޮންފަދައަކުންހެއްޔެވެ؟
އާދޭސްކޮށްފައި ބުނަމެވެ. ފުރަތަމަކަމަކަށް އިސްރާފްކުރުން ހުއްޓައިލާށެވެ! އެއީ ކިތަންމެ މަދު މިންވަރެއްނަމަވެސް މެއެވެ. އެންމެ ކުޑަމިނުން ރޮށިފަޅިއެއް، ބަތްސުވަލެއް ނަމަވެސްމެއެވެ. އެކަކުކާހައި ރިހަފޮދެއް ނަމަވެސްއެވެ. އެހެނީ ކައިނިމޭއިރު އިނގިލީގައި ހަރުލާފައިހުންނަބައިވެސް އޮތީ ދޮވުމެއް ނޫނެވެ. ލޮއިސާފުކުރުމެވެ. މިކަމުންވެސް އެނގިގެންދަނީ އިސްރާފްނުކުރުމަށް އިސްލާމް ދީން ބާރުއަޅާ މިންވަރެވެ.
ކުޑަކުދިންނަށް މޮޑެދިނުމުން ނުކައި ބާކީކުރާ ތަކެތި އުކައިލުމަކީ ގިނަގެތަކުގައި ޢާންމުކޮށްކުރާ ކަމެކެވެ. އާދޭސްކޮށްފައި ބުނަމެވެ. އެކަންވާނީ ހަމަ ބޮޑު އިސްރާފަކަށެވެ. މަދުން މޮޑޭށެވެ. ނޫނީ ބާކީހުރުބައި ކޮންމެވެސް މީހަކު ކާށެވެ. ނޫންނަމަ އެކަންވެގެންދާނީ ހަމަ ވަރަށް ބޮޑު އިސްރާފަކަށެވެ.
ރިޒްޤް ތަނަވަސްވާން އެދޭމީހާ އިސްރާފްކުރުމުން ދުރުހެލިވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން