ކައިވެނިކުރުމަށްފަހު ކުރެވޭ ކަންކަމުގައި މިންއަޅައި ކުޑަ ބޮޑު ބަލަން ނުވިސްނާށެވެ! ބައިވެރިޔާ ނުރުހޭނެ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ނުކޮށް ހުންނަން މަސައްކަތްކުރާށެވެ! ކުރެވޭނަމަ އެއިގެ މާނައަކީ ބައިވެރިޔާ ދެކެ ލޯބި ނުވެވެނީއެވެ.
ދިރިއުޅުމުގައި ތެދުވެރިވާންވީ ބައިވެރިޔާއަށްޓަކައެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިވުމަށެވެ. ހަމައެފަދައިން ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރަންވީވެސް ހަމަ އެސަބަބަށްޓަކައެވެ.
ވަރިގިނަވުމުގެ މައްސަލަތައް މިހައި ގިނަވެގެން މިއުޅެނީ މިބުނި ގޮތަށް ނުވިސްނޭތީއެވެ. ތިމާކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ނުވިސްނޭތީއެވެ. ކުރެވޭ ކަންކަމުގައިވެސް ފާފަތަކުގައިވެސް މިންއަޅަން މަސައްކަތްކުރެވޭތީއެވެ.
ހަރުދަނާ މީހަކުނަމަ އެންމެ ގިނައިން ދައްކާނެ އެއްވާހަކައަކީ ކައިވެނިރޫޅުން ގިނަވެގެން އެކަމާމެދު ކަންބޮޑުވާ ވާހަކައެވެ. މުޖުތަމަޢުގައި އެކަން އޮތް މިންވަރުންނެވެ. ކޮންމެ ޢާއިލާއެއްގައިހެން އެމައްސަލަ އޮތުމުންނެވެ.
ރަނގަޅަށް ބަލައިފިނަމަ ކޮންމެ ޢާއިލާއެއްގައި އެކަނިވެރިމައަކު ހުންނާނެއެވެ. ބައްޕަ ދުނިޔޭގައި ހުރެ މިސްކީނުވެފައިވާ ކުދިންތަކެއް ބަލަން އޮންނާނީ ޖެހިފައެވެ. މިއީ މިއަދުގެ ޙާލަތެވެ. ކިތަންމެ ބަލައިގަންނަން ބޭނުން ނުވިނަމަވެސް މިއީ އާދައެއް ކަމަށް މިވަނީ ބަލއިގަންނަން މަޖުބޫރުވެފައެވެ.
މި ބޮޑު މައްސަލަތަކުގެ ފެށުން މިއަންނަނީ އެއީ ފާފައެއްކަމަށް އަދި ަމއްސަލައެއް ކަމަށްނުދެކި ހިލޭ ދެމީހަކު ބާއްވަން ފަށާ އެކަހެރި ބައްދަލުވުންތަކެވެ. ކޮފީތަކާއި ކެއުންތަކުގައެވެ. ކިތަންމެ ރުޅި އައިނަމަވެސް މިބުނަނީ ކަން އޮތް ގޮތަށެވެ. އެއްވެސް މީހަކު ކައި ކޮފީ ބުއިން ޙަރާމްވަނީއެއް ނޫނެވެ. އެކަމަކު މީހެއްގެ ފިރިއަކަށްވިޔަސް އަދި ނުވިޔަސް މީހެއްގެ އަންތބަކަށްވިޔަސް އަދި ނުވިޔަސް ހިލޭ ދެމީހަކު އެކަހެރިކޮށް ބައްދަލުކުރާ ބައްދަލުކުރން ކަނޑައެޅިގެން ޙަރާމެވެ. އެއީ ކާންކަމުގައިވީނަމަވެސް ބޯން ކަމުގައިވީނަމަވެސް މެއެވެ.
ހިލޭ އަނހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރާނަމަ 3 ވަނަ ފަރާތަކަށް އެތަނުގައި ޝައިޠޯނާ ހުންނާނެއެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ހުރިހާ ކަންކަން ޒީނަތްތެރިކުރުވާނެއެވެ. ދެމީހުން މަޅީގައި ޖައްސުވާނެއެވެ. އެއްފަހަރުން ކާމިޔާބުނުވިނަމަ ލަވަމުން ލަވަމުން ގެންގޮސް މަޅިފަތީގައި ޖައްސުވާނެއެވެ. އެހެން ނޫނީ ހުއްޓާނުލައި ފަހަތުގައި ވިއްދާފައި ހުންނާނެއެވެ.
މިޙާދިސާގެ ވާހަކަ ކުރިންވެސް ކިޔައިދިނީމެވެ. ވިސްނައިގެން އަޑުއަހާށެވެ!
އެއްދުވަހެކެވެ. ރެސްޓޯރަންޓަކަށް ވަންތަނުން ފެނުނީ ރައްޓެއްސަކާއި ރައްޓެއްސެއްގެ އަނބިމީހާ އާއި ދެމީހުން އެކުގައި ކާން ތިއްބައެވެ. ތިބީވެސް އޮލަވާހަކައެއްގައެވެ. ނުވެސް ފެންނަކަމަށް ހެދިގެންހުރެ ގޮސް ދުރުގައި ހުރި މޭޒެއްގައި އިށީނީމެވެ.
އިރުގަނޑެއްފަހުން އަހަރެން ކައިނިމެން ކައިރިވެފައިވަނިކޮށް ދެމީހުން އެކުގައި އައިސް އަހަރެން އިން މޭޒުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ. އަހަރެންނަކީ ކިތަންމެ ގާތް އެކުވެރިއެއްގެ ގާތުގައިވެސް ބުނަންޖެހޭ ބަސްބުނަން ފަސްޖެހި ޖެހިލުންވާ މީހެއް ނޫނެވެ. އަދި އެކަމެއްގެ ވަގުތުގައި ނަޞޭޙަތްދޭ މީހެކެވެ. އެހެންވެ ޢަމަލުތައް އިޞްލާޙްކުރަން ބުނީމެވެ.
އެކުވެރިޔާއަށް އަހަރެންބުނިއެއްޗެއް ވިސްނިގެން ބުންޏެވެ. "އަހަރެންކުރީ ކޮންކުށެއް ހެއްޔެވެ؟ އަހަރެމެން އެއްވެސް ފާފައެއް ނުކުރަމެވެ."
ޖަވާބުގައި ބުނީމެވެ. "ތިއަކުރީވެސް ފާފައެކެވެ. އެއީ ފާފައެއްކޮށްފައި ނުކުރާކަމަށްބުނުމެވެ. އަދި ތިއަ ދެމީހުން އެކަނި އެކުގައި ވަގުތު ހޭދަކުރުމަކީވެސް ފާފައެކެވެ. ނަމަވެސް ތިއަބުނަނީ އެއްވެސް ފާފައެއް ނުކުރާކަމަށެވެ."
އަހަރެން މިދެއްކި ވާހައަކީ ކަންތައް އޮތްގޮތްކަން ބަޔާންކުރައްވައި މަސްޖިދުއްނަބަވީގެ އިމާމް الشيخ علي بن عبد الرحمن الحذيفي –حفظه الله ވިދާޅުވެފައިވެއެވެ.
"އޭނާގެ ނަފްސު ޙިސާބު ނުކުރާނަމަ، ހިތުގެ ބަލިތައް އެހިތް އެކުގައި ބަލިކޮށްލައެވެ. ނުވަތަ މަރާލައެވެ. އަދި އަޅާއަށް އޮތް އެންމެ ބޮޑު ހެވަކީ ކޮންމެ ހިނދެއްގައިމެ އަމިއްލަ ނަފްސު ޙިސާބުކުރުމެވެ. އޭނާއަށް ފަރުވާކުޑަކުރެވޭ ކަންތައްތައް އެނގޭނީ އެއިރުންނެވެ. އަދި އެކަންކަމަށް ތައުބާވެވޭނީވެސް އެއިރުންނެވެ. އެއިރުން އޭނާގެ މަސައްކަތް ޤަބޫލުވެވި ރަނގަޅު ނިމުމަކަށް ތައުފީޤު ލިބުމަށް އުންމީދުކުރެވެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން