ކީރިތި ޤުރްއާން ކިޔެވިނަމަވެސް ލިބެންޖެހޭ ހިތްހަމަޖެހުން ނުލިބޭ ބައަކު އުޅެއެވެ. އެހެންވެ ބަޔާން މިކުރަނީ އެކަން އެގޮތަށްވުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.
މީހުން ލިޔެފައި ހުންނަ ގިނަ ފޮތްތައް ހުޅުވައިލުމުން ފުރަތަމަވެސް ފެންނާނީ އެފޮތުގައި އުނިކަން ހުރެދާނެ ކަމަށާއި އެކަމަށް މާފަށް އެދޭކަމަށް ބުނެފައި ވަނިކޮށެވެ. ނަމަވެސް ޤުރްއާން (ޚަތިމް) ހުޅުވައިލުމުން ފެންނާނީ މިއާޔަތެވެ.
"މިއީ އެ ފޮތެވެ. އެ ފޮތާމެދަކު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށްހުރި ހިދާޔަތެކެވެ." (އަލް ބަޤަރާ: 2)
އެނގިގެން މިދިއައީ ކޮންކަމެއް ހެއްޔެވެ؟ އެފޮތުގައި އެއްވެސް ކުށެއް އަދި އުނިކަމެއްވެސް ނުވާނެކަމެވެ. އެއިގައިވާ އެއްވެސް ކަމަކަށް ޝައްކުކޮށްގެން ނުވާނެ ކަމެވެ.
ދެން ޠާހާ ސޫރަތަށް ޖެހިލަމާ ހިނގާށެވެ!
"ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް މި ޤުރްއާން ބާވައިލެއްވީ، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ."
"(ﷲ އަށް) ބިރުވެތިވާ މީހަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ (ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައެއް ނުލައްވަމެވެ.)"
(ޠާހާ: 2،3)
އެނގިގެން މިދިއައީ ކޮންކަމެއް ހެއްޔެވެ؟ ޤުރްއާން ބާވައިލެއްވެވީ މީސްތަކުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމެއް ކަމުގައެވެ. ދެން އުފެދޭނެ ސުވާލަކީ ޤުރްއާން ކިޔެވި ނަމަވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ނުލިބެނީ ކީއްވެގެންހެއްޔެވެ؟
ދައްކަން މިއުޅެނީ އެވާހަކައެވެ. މިވާގޮތަކީ ޤުރްއާން ކިޔަވަނީއެވެ. ކިޔެވޭ އެއްޗަކާއިމެދު ވިސްނައެއް ނުލައެވެ. މިޘާލަކަށް ރިބާ ޙަރާމް ކުރައްވަވާފައިވާ ކަމުގެ ޢާޔަތްތައް ކިޔަވައެވެ. އެކަމަކު އެކައުންޓް ގެންގުޅެނީ ރިބާއިން ހިންގާ ބޭންކެއްގައެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިނުގަތުމަށް އަންގަވާފައިވާ އާޔަތްތައް ކިޔަވައެވެ. އެކަމަކު ބިރެއް ނެތި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެއެވެ. ފާހީޝް ޢަމަލުތަކާއި އެހެންވެސް ފާފަތައް ނުކުރަން އަންގަވާފައިވާ އާޔަތްތައް ކިޔަވައެވެ. އެކަމަކު ނަހީކުރެއްވެވި ހުރިހާ ކަންކަމެއް ކުރެއެވެ.
ނިކަން ބުނެބަލާށެވެ! އެއިރުން އެމީހަކަށް ކީރިތި ޤުރްއާން ކިޔެވުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. ކީރިތި ޤުރްއާން އުނގެނި އެއަށް ޢަމަލުކުރަމުން ނިކަން ކިޔަވައިބަލާށެވެ! އުފާވެރިކަމާއި ހިތްހަމަޖެހުން ނުލިބިއެއް ނުދާނެއެވެ. އިން ޝާ ﷲ
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން