ޢަލީ އިޙްޞާން ފިޜާޤް
ޔަޒީދު ވަލީއަހުދަކަށް އައްޔަން ކުރަން ޤަޞްދުކުރާ ވާހަކަ މަރުވާނު މަދީނާގައި އިޢުލާން ކުރީ ޙަސަންގެފާނު އަވަހާރަވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން އަމީރު މުޢާވިޔަތުގެފާނުގެ އެންމެ ފުރަތަމަ ސިޓީފުޅު މަރުވާނު ކިޔާދެއްވުމުން މަދީނާގެ މީސްތަކުން ހީކުރީ ވަލީއަހުދަކު އައްޔަންކުރުމުގެ ޚިޔާލުފުޅު އެކަލޭގެފާނުގެ ހިތްޕުޅުގައި އުފެދުނީ ޙަސަންގެފާނު އަވަހާރަވުމުންކަމުގައެވެ. އެހެނީ ސައިދުނާ ޙަސަންގެފާނު ދިރިހުރިހާ ހިނދަކު، ދެން އިންތިޚާބު ކުރެވޭ ފަރާތަކީ އެކަލޭގެފާނު ކަމުގައި އެބައިމީހުން ދެކެމުން ދިޔައެވެ. ޙަސަންގެފާނު އަވަހާރަވުމުން ވަލީއަހުދަކު އައްޔަންކުރުމަކީ އެބައިމީންގެ ނަޒަރުގައިވެސް ރަނގަޅުކަމެވެ.
މި ތަޞައްވުރުގެ ސަބަބުން އެއްކޮޅުން އަމީރު މުޢާވިޔަތުގެފާނުގެ ޠާހިރު ނިޔަތާއި ޢަދުލުވެރިކަން ފާޅުވެގެން ދިޔައެވެ. ނަމަވެސް މުޢާވިޔަތުގެފާނުގެ ދެވަނަ ސިޓީފުޅުގައިވަނީ ވަލީއަހުދަކަށް ސީދާ އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދު އައްޔަން ކުރަން ޤަޞްދުކުރާ ވާހަކައެވެ. އެ ސިޓީ މަރުވާނު މީސްތަކުންނަށް ކިޔާދެއްވުމުން އިހުބުނެވިދިޔަ ތަޞައްވުރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. މީސްތަކުންގެ ހިތްތަކުގައި ތަފާތު ވަހުމުތަކާއި ޝައްކުތައް އުފެދިގެންދިޔައެވެ.
މި ޝައްކުތަކާއި ވަހުމުތައް ބޮޑުވެގެން ދިޔަވަރަކީ، ޙަސަންގެފާނަށް ޒަހަރު ދެއްވައިގެން އަވަހާރަކޮށްލި މީހަކީ އަމީރު މުޢާވިޔަތުގެފާނު ކަމުގައި ބުނާ ދަރަޖައަށް ދިޔުމެވެ. ޔަޒީދު ވަލީއަހުދަކަށް އިޢުލާން ކުރުމުގެ ކުރީން އެއްވެސް މީހަކު އެ ތުހުމަތު މުޢާވިޔަތުގެފާނުގެ މައްޗަކަށް ނުކުރެއެވެ.
މިހިސާބުން ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވައިލަމެވެ. ޙަސަންގެފާނު އަވަހާރަކޮށްލުމުގައި އަމީރު މުޢާވިޔަތުގެފާނުގެ އެއްވެސް ޙިއްޞާއެއްނެތެވެ. އަދި ހަމައެންމެ އިސްވެދިޔަތަނުގައި ބަޔާންކޮށްފައިވާނެފަދައިން ޔަޒީދު ވަލީއަހުދަކަށް ހެއްދެވުމުގެ ޚިޔާލުފުޅު މުޢާވިޔަތުގެފާނަށް ދެއްވި ބޭފުޅަކީ المغيرة بن شعبة رضى اللّـه عنــه އެވެ. އޭގެ ކުރިން އެކަމަކީ މުޢާވިޔަތުގެފާނު ޚިޔާލުފުޅު ކުރައްވައިފައިވާ ކަމެއްނޫނެވެ.
ޔަޒީދު ވަލީއަހްދަކަށް އައްޔަން ކުރުމަށްޓަކައި ބާރުއެޅުއްވި ފަދައިން އެ މަސައްކަތް ފުރިހަމަ ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްފުޅު ކުރެއްވި ބޭކަލަކީވެސް المغيرة بن شعبة رضى اللّـه عنــه އެވެ. މަދީނާ އާއި ހިޖާޒުގެ އަހުލުވެރިންގެ ވާހަކަތައް މަރުވާނު މުޢާވިޔަތުގެފާނަށް ލިޔުއްވިއެވެ. އެބައިމީހުންގެ އަމަލުތައް ހުރިގޮތާމެދު މުޢާވިޔަތުގެފާނު ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. ހަމަ މިދުވަސްވަރު المغيرة بن شعبة رضى اللّـه عنــه އަވަހާރަވި ޚަބަރު މުޢާވިޔަތުގެފާނަށް ލިބިވަޑައިގެންނެވިއެވެ. އެއީ ހިޖްރައިން 51 ވަނަ އަހަރުގައެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން ކޫފާގެ ގަވަރުނަރުކަން ޒިޔާދާ ޙަވާލުކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނު ދެ ޢިރާޤުގެ ގަވަރުނަރުގެ ނަމުން މަޝްހޫރުވިއެވެ.
ޒިޔާދު ބިން އަބީސުފްޔާނު ކޫފާގައި:
ބަޞްރާއާއި ކޫފާގެ ގަވަރުނަރަކަން ޒިޔާދުއާ ހަވާލުކުރުމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއްފައިދާއަކީ، ޔަޒީދުގެ ވަލީއަހުދުކަމަށް ކޫފީން ލައްވައި އެކަލޭގެފާނަށް ބައިޢަތު ހިފޭނެތީއެވެ. ޒިޔާދާ ޚިލާފަށް މުޣީރަތަކީ ހިތްޕުޅު މަޑުބޭކަލެކެވެ. މީސްތަކުންނަށް މާފުދެއްވުމަކީ އެކަލޭގެފާނުގެ ތަބީޢަތުގައިވާ ކަމެކެވެ. ޢިރާޤު މީހުންގެ ޠަބީޢަތު ޒިޔާދު ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެބައިމީހުންނާ ހަރުކަށިކަމާއެކު މުއާމަލާތް ނުކުރެވިއްޖެނަމަ އެބައިމީހުން ހަމަ މަގުން އެއްކިބާވެއެވެ.
މިކަންތައްތަކުގެ ސަބަބުން ޒިޔާދުގެ ގަވަރުނަރުކަމުގެ ދައުރަކީ ވަރަށް ކާމިޔާބު ދައުރެކެވެ. މުޢާވިޔަތުގެފާނުވަނީ، ޒިޔާދު ކޫފާ އާއި ބަސްރާގެ ވެސް ގަވަރުނަރަކަށް ހައްދަވައި، އަދި ފަހުން މުޅި އީރާނާއި ޚުރާސާން އާއި ތުރުކީސްތާނާ ވެސް އެކަލޭގެފާނާ ޙަވާލު ކުރައްވައިފައެވެ.
ބަޞްރާގެ ނައިބަކަށް ސަމުރާ ބިން ޖުންދުބު ހަމަޖެއްސެވުމަށްފަހު ޒިޔާދު އަމިއްލަފުޅަށް ދެހާސް މީހުންނާއެކު ކޫފާއަށް ފުރާވަޑައިގެންނެވިއެވެ. ކޫފީންނަކީ ދައުލަތުގެ އިސްވެރިންނަށާއި އޮފިސަރުންނަށް ނުކިޔަމަންތެރިކަން ދެއްކުމަށް އާދަވެފައިވާ ބައެކެވެ. ޒިޔާދު ވަޑައިގެން ކޫފާގެ މައި މިސްކިތުގައި ހުކުރު ޚުތުބާ ދެއްވަން ފެއްޓެވުމުން ކޫފީ އެކަލޭގެފާނަށް އުނދަގޫ ކުރަންފެށިއެވެ. ކުދި ހިލަކޮޅުތައް އެކަލޭގެފާނަށް އުކަންފެށިއެވެ.
ޒިޔާދު ވަގުތުން ޚުތުބާ ހުޓައިލައްވައިފައި އެކަލޭގެފާނުގެ ސިފައިންނަށް މިސްކިތްވަށައިގެން ގާޑުކުރުމަށް އެންގެވިއެވެ. މިސްކިތުން ބޭރަށް އެއްވެސް މީހަކު ނުކުތަ ނުދިނުމަށް އެންގެވިއެވެ. އެއަށްފަހު ޒިޔާދު ގޮނޑިކޮޅެއްގައި އިށީންދެވަޑައިގެން ފަހަރަކު ހަތަރު މީހުން ގެންނަވައިގެން އެބައިމީހުން ހިލަ އުކިންތޯ ސުވާލުކުރެއްވިއެވެ. މިގޮތަށް ހުރިހާ އެންމެން ގެނަސް ނިމުނުއިރު ހިލައުކިކަމަށް ތިރީސް މީހުން އެއްބަސްވެއްޖެއެވެ. އެ ތިރީސް މީހުން ހިފަހައްޓައިފައި ދެން ތިބިމީހުން ދޫކޮށްލެއްވިއެވެ. އެއަށްފަހު ޒިޔާދުގެ އަމުރުފުޅަށް އެ ތިރީސް މީހުންގެ އަތްކަނޑާލެވުނެވެ. އެހެން ބައެއް ކޫފީންނަށްވެސް މި އަދަބު ދެވުނެވެ. އެއީ އެބައިމީހުން ކުށްކުރުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ކޫފީން ވަރަށް އަވަހަށް ހަމަބިމަށް ތިރިވެއްޖެއެވެ.
ޒިޔާދު ގެ އާދަފުޅަކީ އަހަރުގެ ބާރަމަހުގެ ތެރެއިން ހަމަސްދުވަހު ކޫފާގައި ހުންނަވައިފައި ދެން އޮތް ހަމަސްދުވަސް ބަޞަރާގައި ހޭދަކުރައްވަނީއެވެ.