ގިނަ ބައަކަށް ކަންބޮޑުވެވެނީ ﷲ ތަޢާލާ އެމީހަކު ދުނިޔެއަށް ފޮނުއްވަވާފައިވާ ސިފައާއިމެދުގައެވެ. އެހެން ބުނަން މިޖެހެނީ ކޮންމެވެސް އެހެން މީހަކު މާރީތިވެގެން އެމީހާ ހުންނަ ސިފައިގައި ހުންނަން ބޭނުންވާ މީހުން ގިނަވާތީއެވެ.
ބުނަން ހެއްޔެވެ؟ އެފަދަ ވިސްނުން އަންނަނީ ކޮންމެވެސް މީހަކު ބުނާ ބަހަކުން ކަމަށްވެސް ވެދާނެއެވެ. ޚާއްޞަކޮށް ލޯބީގެ ގޮތުން ތިމާ ގުޅެން ބޭނުންވެގެން އުޅޭ މީހާ ބުނާ ބަހަކުން ކަމަށްވެދާނެއެވެ. ނުވަތަ ޙަޔާތުގެ ބައިވެރިޔާ ބުނާ ބަހަކުން ކަމަށްވެސް ވެދާނެއެވެ.
ވަކި މީހަކު ނޫނެވެ. ކޮންމެ މީހަކު ނަމަވެސް ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ ސިފައަށް ނުރުހި ފާޑުކިޔާނަމަ އެކަމާއި ނުބެހި އެހެން ކޮންމެވެސް ކަމަކާ ބެހެން ބުނާށެވެ. މާނައަކީ އަހުރެން ހުންނާނީ އަހުރެންނަށް ﷲ ތަޢާލާ ދެއްވެވި ސިފައިގައިކަމަށާއި އެސިފަ ކަމުނުދާނަމަ ކަމުދާ ސިފައިގައި ހުރި މީހަކު ހޯދަން ބުނާށެވެ.
ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ސިފަ ޤަބޫލުނުކުރާ މީހަކާ ވާހަކަވެސް ނުދައްކާށެވެ! ކޮންމެ މީހަކަށްވެސް އެމީހަކު ހުރި ސިފައިގައި އެމީހަކު ދެކެ ލޯބިވާނެ މީހަކު ދެއްވަވާނެތެވެ. ތިބާ ހުރި ސިފައިގައި ތިބާ ދެކެ ލޯބިވާ މީހަކު ފެނުމުން އޭނާގެ ސިފައަށް (އޭނާގެ ބޭރުފުށުގެ ސިފައަށް) ނުވިސްނައި އަވަހަށް އެމީހަކާއި ގުޅޭށެވެ. މީހަކާއި ގުޅޭއިރު ބަލަން އޮތީ އޭނާގެ ބޭރުފުށުގެ ސިފައަކަށް ނޫނެވެ. ތަޤްވާވެރިކަމަށެވެ. ތަޤްވާވެރިކަން ހުރިނަމަ އެއޮތީ ޝަރުޠު ހަމަވެފައެވެ.
- މުފްތީ މެންކުގެ ދަރުސަކުން