އިންސާނުންގެ ހަށިގަނޑުގައި އަޅާފައި ހުންނަ ގަހަނާ އިން ޒަކާތް ވާޖިބުވާނެތޯ ނުވަތަ ނޫންތޯ، މިކަމާއި މެދުގައި ޢިލްމުވެރިން ގެ މެދުގައި ޚިލާފު ހުއްޓެވެ.
އަލްއިމާމް އަބޫޙަނީފާ-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި ހަށިގަނޑުގައި އަޅާ ގަހަނާ އިން ޒަކާތް ނެރެން ޖެހޭނެއެވެ. ނަމަވެސް އިމާމް ޝާފިޢީ، މާލިކް އަދި ޢަޙްމަދު ބިން ޙަންބަލް- ރަޙިމަހުމުﷲ- ދެކިލައްވާ ގޮތުގައި ވާޖިބެއް ނުވާނެއެވެ. ނަމަވެސް މިތަނުގައި ރާޖިޙް ގޮތަކީ ޒަކާތް ނެރެން ޖެހުމެވެ. އެކަމަށް ތާއީދު ކުރާ ގިނަގުނަ ދަލީލުތައް ހުރީމައެވެ. އޭގެ ތެރޭގައި:
1. ރަނާއި ރިހިން ޒަކާތް ވާޖިބު ވާނެ ކަމަށް އައިސްފައިވާ ޢާއްމު ދަލީލުތައް. އެއީ ގަހަނާ ގެ ގޮތުގައި ބޭނުންކުރި ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ.
2. އުއްމުލްމުއިމިނީނަ ޢާއިޝާ-ރަޟިޔަ ﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަމަނާގެ ގާތަށް ވެދެވަޑައިގެންނެވި ވަގުތެއްގައި ތިމަން ކަމަނާގެ އިނގިލީގައި ރިހި އަނގޮޓިތަކެއް ވަނި ކޮށް ފެނިވަޑައިގެން ސުވާލު ކުރެއްވެވިއެވެ. "މިއީ ކޮން އެއްޗެއްތޯއެވެ؟"، ތިމަންކަމަނާ ޖަވާބުގައި ދެންނެވީމެވެ. "ކަލޭގެފާނަށް ޒީނަތްތެރިވުމަށްޓަކައި ތިމަންކަމަނާ ހޯދި އެއްޗެކެވެ". ޙަދީޘް ކުރެއްވެވިއެވެ. "ތިތަކެތީގެ ޒަކާތް ނެރެމު ހެއްޔެވެ؟"، ތިމަންކަމަނާ ދެންނެވީމެވެ. "ނޫނެކެވެ"، ޙަދީޘް ކުރެއްވިއެވެ. "ކަމަނާ ނަރަކައިން ސަލާމަތްވެ ވަޑައިގަންނަވާށެވެ".والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް