ފާފަކުރެވުނަސް ފާފަކުރެވޭ މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހަކަށް ނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފާފަކުރެވުނަސް ފާފަކުރެވޭ މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހަކަށް ނުވާށެވެ!: މުފްތީ މެންކް

ފާފަކުރެވޭ މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހުންނަކީ އެމީހުންނަށް ކުރެވޭ ފާފަތަކާއިމެދު ފަޚުރުވެރިވާ މީހުންނެވެ. ފަޚުރުވެރިވެ މީސްތަކުންގެ ކުރިމަތީގައި ފާފަކުރާ މީހުންނެވެ. 

ހަމަ އެފަދައިން ފާފައެއް ކުރެވުމުން އެކަމާއި ދެރަވެ ހިތާމަކުރާ މީހުންނަކީ އެންމެ ހެޔޮލަފާ މީހުންނެވެ. އެހެނީ އޭނާގެ ބަލިކަށިކަމުން ފާފައެއް ކުރެވުނަސް އެކަމާއި ދެރަވެ ހިތާމަކުރާނަމަ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެކެވެ. 

ޙަދީޘްފުޅުން އެނގެން އޮތީ ފާފަކުރެވުމުން އެކަމަށް ހިތާމަކުރާ ކޮންމެ މީހަކަށްވެސް އެކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެކަމެވެ. މާނައަކީ ފާފަކުރުމުން ސަލާމަތްވެ ހުރެވޭނެ މަގެއް ﷲ ތަޢާލާ އެމީހަކަށް ދައްކަވައި ދެއްވަވާނެ ކަމެވެ. 

މިޘާލެއްގެ ގޮތުން ވަރަށް ޢާންމކަމެއް ފާހަގަކޮށްލާނަމެވެ. ބައެއް މީހުން އެމީހުންގެ ލޯބިވެރިޔާއާއިއެކު ބައެއް ކަންކަން ކުރަނީ މީސްތަކުންގެ ތެރޭގައެވެ. އެންމެންނަށް ފެންނަ ގޮތަށެވެ. އަނެއްބައަކު ހަމަ އެފަދަ ފާފަތައް މީސްތަކުންގެ ކުރިމަތީގައި ކުރަނީ އެކުވެރިޔާ އެކުވެރިން އެފަދަ ކަންކަން އެގޮތަށް ކުރާތީއެވެ. ސަބަބަކީ ކޮންމެ ސަބަބެއް ނަމަވެސް އެކަމުން އެނގެނީ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތްކަމެވެ. 

ވީމާ ފާފަކުރެވުނަސް އެކަމަށް ފަޚުރުވެރިވެ ފާފަކުރެވޭ މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހަކަށް ނުވާށެވެ! އެކަމަށް ދެރަވެ ހިތާމަކޮށް އެންމެ ހެޔޮލަފާ މީހަކަށްވާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ވިސްނާށެވެ! ފާފައެއް ކުރެވުނަސް އެކަން ހާމަކުރުމަކީ ނުވަތަ އިޝްތިހާރުވާނެ ގޮތަށް ފާފަކުރަން މުސްލިމަކު ނަމަ ލަދުވެތިވާންޖެހޭނެއެވެ. ނޫންނަމަ އޭނާގެ އީމާންކަމުގައި ބޮޑު މައްސަލައެއް އެބަ އުޅެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން