ކެފޭއުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ 14 ތަނެއް މިހާތަނަށް ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކެފޭއުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ 14 ތަނެއް މިހާތަނަށް ބަންދުކޮށްފި

ކެފޭއުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ 14 ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާޢިފް ވިދާޅުވި ގޮތުގައި މިއަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިމަހުގެ 15ވަނަ ދުވަހާ ހަމައަށް 14 ތަނެއް ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް މާލޭގައި އަދިވެސް 6 ވަރަކަށް ތަން އެކްޓިވްކޮށް ހުރި ކަމަށާއި، މިތަންތަން ބަންދުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ތަންތަން ބަންދުކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނެއެވެ. އަދި އެންމެ ބޮޑު ޗެލެންޖަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު މިހާރު އޮތްގޮތުން ހުރި ގޮންޖެހުންތައް ކަމަށް އަޙުމަދު ނާޢިފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުށަހަޅާފައި އޮންނާނެ މަސްތުވާތަކެތީގެ މުއާމަލާތް ކުރާ މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް. އަދި އެތަން ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ކަމަށް," ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައީ ކޯވިޑްގެ ދުވަސްވަރުގައެވެ. މިކަމާ ގުޅިގެން ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މިފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފުލުހުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން