ހުޅުމާލޭ އަޒީޒާ މިސްކިތުގައި މިއަދު އަދާކުރި ޢީދު ނަމާދަށް ހާޒިރުނުވި އިމާމުންނަށް 5 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި އިމާމުވެ ނަމާދުކުރުމާއި ޚުޠުބާ ކިޔުމުގެ ފުރުސަތު ނުދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަމަޖައްސާފައިވާ އިމާމު ވެސް ޢީދު ނަމާދަށް ހާޒިރުނުވުމާ ގުޅިގެން، އުސޫލުތަކުގެ ތެރެއިން މައްސަލަ ބެލުމަށްފަހު މި ނިންމުން ނިންމާފައިވަނީއެވެ.
އަދި މިސްކިތުގެ އަސްލު އިމާމު، މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާ މައްސަލަ ވެސް ވަކިން ބަލައި، އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑް ކުރުމަށް ކަމާބެހޭ ޔުނިޓަށް އަންގާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައި ނަމަވެސް، އަޒީޒާ މިސްކިތުގެ އިމާމުންގެ ހާޒިރީ މައްސަލައާ ގުޅިގެން އެ މިސްކިތުގައި ޢީދު ނަމާދު ފެށިފައިވަނީ 7:15 ގައެވެ. އަދި ހަމަޖެހިފައިވާ އިމާމުން ހާޒިރުނުވުމުން، މިސްކިތުގައި އިން ރާއްޖެއިން ބޭރުގެ ރައްޔިތަކު ޚުޠުބާ ވިދާޅުވެ، އިމާމުވެ ޢީދު ނަމާދު ކޮށްދީފައިވެއެވެ.