ތިރީގައި އެވަނީ އިމާމުވެ ނަމާދުކުރާއިރު ސަމާލުކްންދޭންވީ ކަންކަން ފާހަގަ ކުރައްވައި އިސްލާމީ ވަޒީރު ޑރ. މިޙައްމަދު ޝަހީމް ޢަލީ ސަޢީދު އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އިމާމުން ފިޤުހުވެރިވުން:
ފިޤުހުވެރިވުމަކީ ޝަރުޢުގެ ޙުކުމްތައް އެވަގުތެއްގެ ޙާލަތުގައި ކަންއޮތްގޮތުގެ މައްޗަށް ފައްތައި ޢަމަލުކުރުމަށް ދަނެގަތުމެވެ.
މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ. ފިޤުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫނެވެ. އަޙްކާމްތަށް ތަޠްބީޤުކުރުމަށް ދެނެގަތުން ފުދެއެވެ.
މިސާލަކަށް 7.00 ޖަހާއިރު ޢީދު ނަމާދު ފަށާއިރު، 7.00 ތެދުވެ ވަގުތުން ހަށަން ބަނުމުގެ ބަދަލުގައި 7.00 ކުރިން ތެދުވެ 7.00 ވާއިރަށް ބޮޑުވެގެންވާ އެޖަމާއަތުގެ ސަފުތައް ތަރުތީބުކޮށްލެވޭނެހައި ވަގުތު އޮތްވައި ތެދުވެ ސަފުތަރުތީބު ކުރުމަށް ޖާގަ ދިނުމެވެ.
ހަމަ މިމަގުން ފަރުޟު ނަމާދު ކުރާ ނަމަ، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމާއި، ޖަމާޢަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރުމާއި، މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމާއި އެއީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް އުނދަގޫވެދާނެތީއާއި ކައިރި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލިމީހުންނާއި ނިދާފައި ތިބޭ ކުޑަކުދިންނަށް ދަތިވެދާނެތީއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޤުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމަކަށްވާތީއެވެ. ނަމަވެސް މި ޙާލަތުގައި ވެސް ބަންގި ގޮވާއިރު ތާޅަ ފިއްޔަށް އަޑު ދޭން ޖެހެއެވެ. އެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިޢުލާން ކުރުމަށެވެ.
ހަމަ މިގޮތައް ދަމު ނަމާދުގައްޔާއި ޖަމާޢަތުގައި ނަމާދުކުރާއިރު ރުކޫޢާއި ސުޖޫދު ކުރުމުގައި އެހާގިނަ އިރު އެގޮތައް ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ޖަމާޢަތުގައި ތިބޭނެ ކަމަށް ވިސްނުމާއި ގަދަ އަތްވާއި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާޢަތް ކުރުކުރުމާއި، ޢާއްމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާއެކު ނަމާދުގެ ޖަމާޢަތް ގެންދިއުމާއި ނަމާދުގައި ޚުޝޫޢަތްތެރިވެ ނަމާދުކުރުމާއި މި ހުރިހައި ކަމަކީ ވެސް ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަމެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު