ހުޅުމާލޭގައި ޤާއިމްކުރަމުންދާ 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތް މިމަހު ނިމޭނެ: އެމްޑަބްލިއުއެސްސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހުޅުމާލޭގައި ޤާއިމްކުރަމުންދާ 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތް މިމަހު ނިމޭނެ: އެމްޑަބްލިއުއެސްސީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހުޅުމާލޭގައި ޤާއިމްކުރަމުންދާ 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތް މިމަހު ތެރޭގައި ނިމި، ޚިދުމަތަށް ނެރެވޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. މި ޕްލާންޓް ޚިދުމަތަށް ނެރުމާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 90 އިންސައްތައަށް އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކުރުމަށް އެމްޑަބްލިއުއެސްސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިތުރު 10،000 ޓަނާއި 1،000 ޓަނުގެ ދެ ފެން ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތްތައް އޮގަސްޓް މަހާއި 3 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

މިހާރު މާލޭގައި ފެން ރައްކާކުރެވެނީ އެންމެ ދުވަހަކަށް ވާވަރަށް ކަމަށްވާތީ، މިއީ އެކަށީގެންވާ މިންވަރެއް ނޫންކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މާލެއާއި ހުޅުމާލޭގައި އިތުރު ފެން ތާނގީތަކާއި ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ.

އެމްޑަބްލިއުއެސްސީން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއެކު މިއަހަރު ނިމޭއިރު ފެން އުފެއްދުމުގެ ޤާބިލްކަން 26 އިންސައްތައަށް އަދި ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތައަށް އިތުރުވެގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިއީ މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން