ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް މޭ މަހު 8 ގެ ކުރިން ނިންމާލެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް މޭ މަހު 8 ގެ ކުރިން ނިންމާލެވޭނެ: ރައީސް

ހުޅުމާލޭގެ އޮރެންޖް ހިޔާ ބިލްޑިންގއަށް ބަދަލުކުރެވޭ ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް މޭ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަސައްކަތް ކުރިއަށްދަނީ ސިފައިންގެ އެހީތެރިކަމާއެކުގައި ކަމަށާއި، ސިފައިންނަށް މި މަސައްކަތް ނިންމުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިފައިންނަށް އަޅުގަނޑު ދެންނެވީ، ހުއްޓާނުލައި ރެޔާއި ދުވާލު މަސައްކަތް ކުރައްވާށޭ. ސިފައިންނަކީ ވަރަށް ހީވާގި، ޑިސިޕްލިން ރަނގަޅު، ހާޑްވާރކް ކުރައްވާ ބައެއް،" ރައީސް ވިދާޅުވިއެވެ.

އައު ތެލަސީމިއާ ސެންޓަރުގައި ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްސަ އިންޓީރިއަރ ޑިޒައިނެއް ގެނެވޭނެ ކަމަށާއި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޑީ.އެން.އޭ. ޓެސްޓްކުރާނެ އައު މެޝިންތަކާއި، ސާމްޕަލްތައް ރައްކާކުރުމަށް އިތުރު ޖާގަ ހިމެނެއެވެ.

މީގެއިތުރުން، ސެންޓަރަށް ސީނިއަރ ފިޒިޝަނެއް ފުލްޓައިމްކޮށް މަސައްކަތްކުރަން ފަށާފައިވާ ކަމަށާއި، އިތުރު ފަސް ނަރުހުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސެންޓަރުގެ މަސައްކަތްތައް އެޕްރީލް 30 ގެ ކުރިން ނިމި، ދުނިޔޭގެ ތެލަސީމިއާ ދުވަސް ކަމަށްވާ މޭ 8 ގެ ކުރިން އައު ތަނަށް ބަދަލުވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން