ސާފު ފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން 9 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ށ.ނޫމަރާ، ށ.ބިލެތްފަހި، ނ.މިލަދޫ، ނ.މަގޫދޫ، ބ.ކުޑަރިކިލު، އދ.ފެންފުށި، މ.ރަތްމަންދޫ، ތ.ދިޔަމިގިލި އަދި ތ.މަޑިފުށި ހިމެނެއެވެ. މި ރަށްތަކުގައި މިހާރު ދަނީ އާރް.އޯ ބިލްޑިންގް ސައިޓް ސާފުކުރުމާއި، ފެންމީޓަރު ހަރުކުރުމާއި، ގޭގެއަށް ޚިދުމަތް ގުޅުމުގެ ސަރވޭ މަސައްކަތްތައް ކުރެވެމުންނެވެ.
މީގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފެއްދުން ލާމަރުކަޒު ކުރުމުގެ ގޮތުން، މައި މަރުކަޒުގެ އިތުރުން އިތުރު ދެ މަރުކަޒެއް ވަނީ ގާއިމްކޮށްފައިކަމަށް އެމްޑީ މަތީން ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢުތަކެއްގައި ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުން އެ މަޝްރޫޢުތައް ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.