ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ- ޔޫ.ކޭ) އާ އަލުން ހަވާލުކުރައްވައިފިއެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ލަންޑަނުގެ ނޯތްފިންޗްލީގައި ހުންނަ "ނަމްބަރ 9 ރޯޒްމަންޓް އެވެނިއު" އަކީ ކުރީއްސުރެ ދިވެހި ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުން އައި، ދިވެހި ސަރުކާރުގެ މިލްކެއް ކަމަށެވެ.
މި ޢިމާރާތަކީ އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުން އެއްވެ، އިޖްތިމާޢީ ގުޅުން ބަދަހިކުރާ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރެވުނު ތަނެކެވެ. މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން (އެމް.އެސް.އޭ) އިން މި ތަނުގައި ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ.
2019 ވަނަ އަހަރު ހައިކޮމިޝަންގެ ބޭނުމަށް ނެގުނު މި ޢިމާރާތް، މިހާރު އަލުން ދަރިވަރުންނަށް ބޭނުންކުރެވޭގޮތަށް ހަމަޖެހިފައިވެއެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ މި ތަން އަލުން ދަރިވަރުންނަށް ހޯދައިދިނުން ކަމަށާއި، މިއީ އަގުހެޔޮކޮށް ތިބެވޭނެ އަދި ވަގުތީގޮތުން މަޑުކޮށްލެވޭނެ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފަރީއްކޮޅުގައި އެމަނިކުފާނު ވަނީ، ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްޙަތާއި، ދިރާސީ މަސައްކަތްތަކާބެހޭ މަޢުޅޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ތަނެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމެކެވެ.