އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ގައްދޫގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ގައްދޫގައި ފަށައިފި

ގދ. ގައްދޫގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް މިއަދު ވަނީ ފަށައިފައެވެ. މި ޚިދުމަތް ފެށުމާއެކު، ގައްދޫ ރައްޔިތުންނަށް އެ ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންސް (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީގައި މި ޚިދުމަތް ފުރަތަމަ ފެށިފައިވަނީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ތިނަދޫގައެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ ރޭވިފައެވެ.

މި ޚިދުމަތް ގައްދޫގައި ޤާއިމުކުރެވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް އައިޑީ ކާޑު ހެއްދުމަށް މާލެ އައުމުގެ ބުރަ ލުއިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން