އިސްރާއީލުން ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށާއި ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ހިންގާ މެޑިކަލް ގުދަނަށް ދިން ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ބުނެ، މި ހަމަލާތައް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނިއްޔަތުކަމާބެހޭ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، އެ ޤައުމު ޖަވާބުދާރީކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލާފައިވެއެވެ.
ހަމައެހެންމެ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ދިވެހިރާއްޖެއިން ދެކޭގޮތުގައި ފަލަސްޠީނުގެ މައްސަލަ ހައްލުކުރެވޭނީ 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރެވިގެންނެވެ.
މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަން ފާހަގަކުރެވެއެވެ. މިއީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާތަކެވެ.