ލިވަރޕޫލްގެ 200 މިލިޔަނަށްވުރެ ގިނަ ސަޕޯޓަރުންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަގު ވަނީ ފަހިވެފަ: ވަޒީރު ޠާރިޤު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ލިވަރޕޫލްގެ 200 މިލިޔަނަށްވުރެ ގިނަ ސަޕޯޓަރުންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަގު ވަނީ ފަހިވެފަ: ވަޒީރު ޠާރިޤު

ލިވަޕޫލް އެފް.ސީ އާއެކު އެކުލަވާލެވުނު ޕާޓްނަރޝިޕްގެ ދަށުން 200 މިލިޔަނަށްވުރެ ގިނަ ލިވަރޕޫލްގެ ސަޕޯޓަރުންގެ މެދުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަގު ފަހިވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ. އަދި މި އަހަރަށް ކަނޑައެޅި 2.3 މިލިޔަން ފަތުރުވެރިންގެ ޓާގެޓަށްވުރެ އިތުރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"ލިވަރޕޫލްގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް 397 މިލިޔަން މީހުންނަށް މީޑިއާ ރީޗްވެފައި އެބަހުރި. މި މީހުންނަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރަނުގެ ފުރުޞަތެއް މި ފަހިވަނީ،" ވަޒީރު ވިދާޅުވިއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ލިވަރޕޫލްގެ ރެޑްވޭ އިނިޝިއޭޓިވް އާއި ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ކުލަބުގެ ލެޖެންޑްސް ބައިވެރިވެގެން ތިމާވެށްޓާއި އިޖުތިމާޢީ ކަންކަމާ ގުޅުންހުރި ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ލިވަރޕޫލަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ ދަތުރުފުޅުގައި ލިވަރޕޫލް ކުލަބުގެ އިސްވެރިންނާއި އެ ކުލަބުގެ ކުރީގެ މަޝްހޫރު ކުޅުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން