38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް 18 ރަށެއްގައި ޤާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް 18 ރަށެއްގައި ޤާއިމްކުރަނީ

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްގެ ދަށުން، 18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ބެޓެރީ ސިސްޓަމްތަކުގެ ޖުމްލަ ކެޕޭސިޓީ 500 ކިލޯވޮޓް އަވަރ އިން ފެށިގެން 3000 ކިލޯވޮޓް އަވަރއާ ހަމައަށް ހުންނާނެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރުމެވެ.

ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސިސްޓަމްތައް ބެހެއްޓުމުން ރަށްރަށުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމަށާއި، ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުން އަމިއްލަ ގޭގޭގައާއި އިމާރާތްތަކުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް ފުރުޞަތު ފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ލިބޭނެ އިޤްތިޞާދީ ފައިދާތަކުގެ ތެރޭގައި އަހަރަކު 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ވުޒާރާއިން ލަފާކުރައްވައެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ހަކަތައިގެ ވިއުގައެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން