ދިރާސީ އަހަރު ފެށުން ފާހަގަކުރުމަށް މިނިސްޓަރ ބައެއް ސްކޫލުތަކަށް ޒިޔާރަތްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދިރާސީ އަހަރު ފެށުން ފާހަގަކުރުމަށް މިނިސްޓަރ ބައެއް ސްކޫލުތަކަށް ޒިޔާރަތްކުރައްވައިފި

ދިރާސީ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު މާލޭ ސަރަޙައްދުގެ ބައެއް ސްކޫލުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

އެގޮތުން މނިސްޓަރ ވަނީ އަމީނިއްޔާ, އިސްކަންދަރު އަދި ކަލާފާނަށް ވަޑައިގެން, ދަރިވަރުންނާ މުދައްރިސުންނާ ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތުގައި މިނިސްޓަރގެ އަރިހުގައި މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އަމީނިއްޔާ ސްކޫލުގެ ހެނދުނު ދަންފަޅީގެ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ޤައުމު ބިނާކުރުމަށް ދައުލަތުން ކުރާ މަސައްކަތަކީ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދީ, ޚުލްޤު ހެޔޮ ޖީލެއް ބިނާކުރުން ކަމަށެވެ."ލޮބުވެތި މުދައްރިސުން ތިކުރައްވަނީ އެންމެ ޝަރަފުވެރި މަސައްކަތް. ހަމަ މިއާއެކު ލޮބުވެތި ދަރިވަރުންނަށް ދަންނަވާލަން ބޭނުންވަނީ ތިޔަ ދަރިވަރުންގެ މުސްތަގުބަލު ގުޅިފައިވަނީ ތިޔަ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންގެ މައްޗަށޭ," މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މައިންބަފައިންނަށް ފަހު ދަރިވަރުން އެންމެ ބޮޑު ގަދަރަކާއި އިހުތިރާމެއް ދޭން ވާނީ މުދައްރިސުންނަށް ކަމަށް ވިދާޅުވެ, މުދައްރިސުންނަށް ކަމޭހިތުމަށް ދަރިވަރުންނަށް ނަސޭޙަތްތެރިވެފައެވެ.މި ދިރާސީ އަހަރު ފެށިގެން މިދިޔައީ 90,000 ދަރިވަރުންނާ އެކުގައެވެ. އަދި މި ދަރިވަރުންނަށް ކިޔަވާދެއްވުމަށް 11,000 އެއްހާ މުދައްރިސުން ސްކޫލުތަކުގައި މަސައްކަތް ކުރައްވާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން