ކޮލަމްބޯގައި ބޭއްވުނު "ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް" ސަރަޙައްދީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކޮލަމްބޯގައި ބޭއްވުނު "ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް" ސަރަޙައްދީ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ދިވެހިރާއްޖެ ވަނީ ކޮލަމްބޯގައި ބޭއްވުނު ދެކުނު އޭޝިއާގެ ސަރަޙައްދީ "ޕްލާސްޓިކް-ފްރީ ރިވަރސް އެންޑް ސީސް" ބައްދަލުވުމުގައި ބައިވެރިވެފައެވެ. މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޕްރޮޖެކްޓް ސަރވިސަސް (ޔުނޮޕްސް) ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އެމަނިކުފާނު ވަނީ ޕްލާސްޓިކް ނައްތާލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރ ނިޒާމް ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މީގެ އިތުރުން، ޕްލާސްޓިކް ނައްތާލުމަށް ރާއްޖެއިން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެހެން ޤައުމުތަކުގެ ތަޖުރިބާތައްވެސް ހިއްސާކުރެވުނެވެ. އަދި ސަރަޙައްދީ ފެންވަރުގައި ޕްލާސްޓިކް ތަޣައްޔަރު ކުޑަކުރުމަށް އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ.

ދިވެހިރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވުމަކީ، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި ޕްލާސްޓިކް ނައްތާލުމަށް ސަރަޙައްދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަން ހާމަވެގެންދާ ކަމެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން