އައްޑޫ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރަން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އައްޑޫ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރަން ހުޅުވާލައިފި

އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ. މި މަޝްރޫއު ތަރައްގީކުރުމަށް 858،462 އަކަފޫޓުގެ ބިމަކާއި ފަޅު ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

މި ފެސިލިޓީގައި ހިމެނޭނެ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި މަދުވެގެން 10 ކޮޓަރިގެ އިތުރުން، ރެސްޓޯރެންޓް، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން މޫދުކުޅިވަރުގެ ޚިދުމަތްތަކާއި، ސްޕާ، ވެލްނަސް ސެންޓަރ އަދި ސުވިމިން ޕޫލް ފަދަ ފަތުރުވެރިންނަށް ޚިދުމަތްދޭ ވަސީލަތްތައް ޤާއިމްކުރަން ޖެހޭނެއެވެ.

މި ފެސިލިޓީގެ މައިގަނޑު މަޤްޞަދަކީ އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކަށާއި އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމެވެ. މި ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މަޝްރޫއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ފޮތް ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، އިތުރު ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް މަގުފަހިވެގެންދާނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން