ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 8 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި ބިދޭސީން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަންތަކެއް ބަލައި ފާސްކުރުމަށްފަހުއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯހުގެ ފަރާތުންނެވެ.
ޓާސްކްފޯހުން މި އޮޕަރޭޝަންގައި ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މި ތަންތަނުން ފެނުނު ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 8 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ މައްސަލައެކެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.