ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ޕެންޝަނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ހުށަހެޅުމަކަށް ފަހުގައެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެފައިވަނީ ޕެންޝަން ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ އެކަކަށް ދެ ޕެންޝަން ދިނުން ނުވަތަ ޑަބަލް ޕެންޝަންގެ މައްސަލަ ކަމަށެވެ. މި މައްސަލަ ދިމާވަނީ ސިވިލް ސަރވިސް ޤާނޫނާއި ޕެންޝަނާ ބެހޭ ޤާނޫނުގައި ފުށުއަރާ ކަންތައްތައް ހުރުމުގެ ސަބަބުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، ސިވިލް ސާވިސް ޤާނޫނުގައި، ރިޓަޔަމަންޓް ޕެންޝަން ދިނުމާބެހޭ ހާއްސަ ޤާނޫނެއް ހެދުމާ ހަމައަށް ޕެންޝަން ދެވޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ޕެންޝަނާބެހޭ ޤާނޫނަކީ އެ ޤާނޫނުކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުނުކުރާ ކަމަށް އިދާރާތަކުން މައުލޫމާތު ދެއްވާކަމަށެވެ. އަދި މީގެ އިތުރުން އެ ދެ ޤާނޫނުގެ އިތުރުންވެސް ފަހުން އުފެދުނު ބައެއް ޤާނޫނުތަކުގައި ސިވިލް ސަރވިސް ޤާނޫނުގައިވާގޮތަށް ޕެންޝަންދޭން ހިމަނާފައިވާ ކަމަށާއި، މީގެ ސަބަބުންވެސް ޑަބަލް ޕެންޝަންގެ މައްސަލަދިމާވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލައިގެ ސަބަބުން ޑަބަލް ޕެންޝަން ދޭންޖެހި ޕެންޝަނަށް ދައުލަތުން ޚަރަދުކުރާވަރު އިތުރުވުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީން ނިންމަވާފައިވަނީ އަންނަ ހަފުތާއިން ފެށިގެން ޕެންޝަނުގައި ހުރި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުމަށެވެ. މި މަސައްކަތުގެ ތެރެއިން ޕެންޝަނާ ގުޅުންހުރި ޤާނޫނުތަކުގައި ހުރި ފުށުއެރުންތައް ދެނެގަނެ، އެކަންކަން، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.