މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެމްސީއެސްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން ކޮންމެ ޢާއިލާއަކަށް 2,220 ރުފިޔާގެ މަގުން މަގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްސީއެސްއިން ވިދާޅުވި ގޮތުގައި މިއީ މިއަހަރުގެ ރަމަޟާންމަހާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމެކެވެ. މި އެހީތެރިކަމުގެ މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި، ބަންދުގައި ތިބި މީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޢާއިލާތަކަށް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނަލް ސަރވިސްއިން އަމާޒުކޮށްފައިވީނަމަވެސް، އެ ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުންނެވެ. ނަމަވެސް އޭގެތެރެއިން ޝަރުތުތައް ހަމަވެފައިވަނީ 10 ޢާއިލާއަކަށެވެ.
މި އިސްނެގުމަކީ ޤައިދީންގެ ޢާއިލާތަކަށް އެހީތެރިވުމަށް އެމްސީއެސްއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.