ސްކޫލްތަކުގެ ކްލާސްތަކާއި ހޯލްތައް އޭސީ ކުރުމަށް ރައީސް ނިންމަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސްކޫލްތަކުގެ ކްލާސްތަކާއި ހޯލްތައް އޭސީ ކުރުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ސްކޫލްތަކުގެ ކްލާސްތަކާއި ހޯލްތައްވެސް އޭސީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން އިޢުލާނު ކުރެއްވީ ރައްޔިތުންނާއެކު ބޭއްވި ޕޮޑްކާސްޓެއްގައި "ކޫލް ސްކޫލް" މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެހާ ހިސާބަށް މަސައްކަތް ނުނިމުނު ކަމުގައިވިޔަސް ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކުރެވިގެންދާނެ. މިހާރު އެކަމާއި ބެހޭ ފަންޑިން ޢިޝޫއެއްވެސް ނެތް. ގަތުމުގެ ޕްރޮކިއުމެންޓް ތެރޭގައި އެދަނީ. ގާތްގަނޑަކަށް 800 ވަރަކަށް އޭސީ ހަރުވެސް ކުރެވިއްޖެ ކްލާސްތަކުގައި. އޭގެ ތެރެއިން އެއްބައި އެދިޔައީ. 9000 ކޮންމެވެސް ވަރެށް ޖުމްލަ މިދަނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރެއިން ސްކޫލްތަކުގެ ހޯލްތައްވެސް ހިމަނަން ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ މީގެކުރިން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ކަމެއް ނޫން ނަމަވެސް މިއީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމެކެވެ. އަދި މި މަސައްކަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށްވެސް ފަސޭހަވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސްކޫލްތަކުގެ ކްލާސްރޫމް ފިނިކުރުމުގެ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން 3704 ކްލާސްރޫމް އޭސީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ދަރިވަރުންނަށް ފިނި މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަދު އޮންލައިން