ފަށާ ތަޢުލީމަށް ދޭންޖެހޭ އިސްކަން ކުރީގައި ނުދެވި އޮތް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދޭން ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގްރޭޑް 1 އިން ފެށިގެން 7 އާ ހަމައަށް ފަށާ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާތަކުން ފާސްވާ ދަރިވަރުންގެ އަދަދު ދަށްކަން ފާއިތުވެދިޔަ އަހަރުތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.
"ފަށާ ތަޢުލީމަށް ދޭންޖެހޭ އިސްކަން ކުރީގައި ނުދެވި އޮތް މައްސަލަ ހައްލުކުރުމަށް ވަރަށް އިސްކަމެއް ދޭން މިހާރު މިވަނީ ފެށިފައި. އޭގެ ނަތީޖާ އެކަމަކު ފެންނާނީ އަދި ދުވަސްކޮޅެއް ފަހުން," ރައީސް ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރެވޭނީ ޓީޗަރުންގެ ފެންވަރު ރަނގަޅުކޮށް، ކުދިންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނީ ފަށާ ތަޢުލީމުގެ ނަތީޖާ ރަނގަޅުކުރެވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، "މި ދަށްވެގެން ދިޔަ ދިޔުން ނިމުމަކަށް ގެނައުން މިއަހަރުގެ ޓާގެޓަކަށް ވާނީ. ދެން މިއަންނަ އަހަރު އެއަށްވުރެ ރަނގަޅުކުރުން," ކަމަށެވެ.
މި ބަދަލާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ފަށާ ތަޢުލީމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނެކަމަށް އުއްމީދުކުރެވެއެވެ.