ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ހުޅުލޭ އައިލެންޑު ހޮޓެލްގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން މިހާރުވެސް އެއާޕޯޓުގައި ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި، ޓެކްސީވޭ ޗާލީ ތަރައްޤީކޮށް ނިމުމުން އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، ފްލައިޓް ޓަރން އެރައުންޑް ޓައިމް ކުޑަވެ، ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢަކީ ރައީސް މުޢިއްޒު ފައްޓަވައިދެއްވި 20 އަހަރު ދުވަހުގެ އެއާޕޯޓު ތަރައްޤީގެ މާސްޓަރޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން