ނޭޕާލުން ރާއްޖެއަށް އިންޓަރންޝިޕް ފުރުސަތުތަކާއެކު އެމްބީބީއެސް ޕްރޮގްރާމްތައް އިތުރުކޮށްދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނޭޕާލުން ރާއްޖެއަށް އިންޓަރންޝިޕް ފުރުސަތުތަކާއެކު އެމްބީބީއެސް ޕްރޮގްރާމްތައް އިތުރުކޮށްދޭން ނިންމައިފި

ނޭޕާލުގައި އިންޓަރންޝިޕް ފުރުސަތުތަކާއެކު އެމްބީބީއެސް ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއަށް އިތުރުކޮށްދޭނެކަމަށް ނޭޕާލުގެ ސަރުކާރުން ހާމަކުރައްވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ބޭއްވުނު ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (ސީޕީޑީ 58) ގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ޕްރަޑިޕް ޕައުޑެލްއާއި ރާއްޖޭގެ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ސިއްޙީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި އެންމެ އިސްކަމެއް ދެވުނީ ރާއްޖޭގެ މެޑިކަލް ޕްރޮފެޝަނަލުންނަށް ނޭޕާލުގައި ޕޯސްޓްގްރެޖުއޭޓް ސްޕެޝަލިޓީތަކާއި ސަބް ސްޕެޝަލިޓީއަށް ކިޔެވުމުގެ އާ ފުރުސަތުތައް ހޯދުމަށެވެ. މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ކުރިން ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ފައިނަލް ކުރުމާއި، ކުރިއަށް އޮތްތަނުގައި ސޮއިކުރާނެ އިތުރު އެއްބަސްވުންތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.

ނޭޕާލަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން މެޑިސިން ކިޔެވުމަށް ދާ އެއް ޤައުމު ކަމަށްވާތީ، ދެ ޤައުމުގެ މެދުގައި ތަޢުލީމީ ފުރުޞަތުތައް ބަދަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތު އެންޑް ޕޮޕިއުލޭޝަން ވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް ނޭޕާލުގައި ކިޔެވުމާއި އިތުރު ހުނަރުތައް ހޯދުމުގެ ފުރުޞަތުތައް ކުރިއަށް އޮތްތަނުގައި ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. މި ފުރުޞަތުތަކުގެ ސަބަބުން ރާއްޖޭގެ ޑޮކްޓަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާ ހޯދުމާއި، އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީއާއި ފަރުވާގެ އުސޫލުތަކާ އަހުލުވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

 

 

 

މިއަދު އޮންލައިން