ކިތަންމެ މޮޅު، ކިތަންމެ ގިނަ ޑޮކްޓަރުން ދަރިއަކު ނުލިބޭނެ ކަމަށް ބުންޏަސް ކަންބޮޑުވާކަށް ނުޖެހޭނެކަމާ ކުރަން އޮތް ޢަމަލު އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 53ސ
ކިތަންމެ މޮޅު، ކިތަންމެ ގިނަ ޑޮކްޓަރުން ދަރިއަކު ނުލިބޭނެ ކަމަށް ބުންޏަސް ކަންބޮޑުވާކަށް ނުޖެހޭނެކަމާ ކުރަން އޮތް ޢަމަލު އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ކައިވެނިކުރެވުމުން ދެން ވިސްނޭނީ ދަރިން ލިބުމާއިމެދުގައެވެ. ގިނަ ފަހަރު ތިބޭނީ ދަރިން ލިބުން ލަސްވެފައެވެ. ދަރިއަކު ލިބުން ލަސްވެފައެވެ. ޚާއްޞަކޮށް، 25. 30 އަހަރުން މަތީގެ ކައިވެނިތަކުގައެވެ. 

ދަރިއަކު ލިބުން ލަސްވެ ޑޮކްޓަރުންނަށް ދެއްކުމުން މާޔޫސްވާފަދަ ޖަވާބުތައް ލިބުމުން ދެން ދަރިއަކު ނުލިބޭނެ ކަމަށް ޤަބޫލުކުރެވި ކަންބޮޑުވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެފަދަ ކިޔުންތެރިންނަށް ހިތްވަރު ލިބިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ބައެއް މީހުންނަށް ހީވަނީ އޭނާ އެކަމަކަށް އެދިގެން ކުރާ ކަންކަން ހިންމަވައި ނުދެއްވެވުމުން ނުވަތަ ހިންމަވައި ދެއްވެވުން ލަސްވުމުން ކުރެވުނު ކަންތަކުގައި މައްސަލައެއް އުޅެނީ ކަމަށެވެ. މިޘާލަކަށް ދުޢާ ކުރުމާއި އިސްތިޣްފާރުކުރުމުގައި ފައިދާއެއް ނެތީކަމަށެވެ. އެކަންކަން ޤަބޫލުފުޅު ކުރައްވަވައި ޢިޖާބަކުރެއްވެވުން މިހާރު ނިމުނީ ކަމަށެވެ. 

ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. މައްސަލަ އުޅެނީ ދުޢާކުރުމާއި އިސްތިޣްފާރުކުރުމަކު ނޫނެވެ. ކުރާ މީހާގެއެވެ. އެމީހާގެ ޢަމަލުތަކުގައެވެ. މިހެން ބުނުމުން ދުޢާކޮށްގެން ނުވަތަ އިސްތީޣްފާރުކޮށްގެން ވީކޮންކަމެއްތޯ ވެސް ބައެއް މީހުން އެބަ ސުވާލުކުރެއެވެ. އަހުރެންނަށް ހީވަނީ އެފަދަ މީހުންގެ އެކުވެރިންގެ ގޮތުގައި ހެޔޮލަފާ ތަޤްވާވެރިން ދުނިޔޭގައި ތިބިނަމަ އެމީހުން ޖަވާބުދޭނެ ހެންނެވެ. އެމީހުންނަށް ކުރެވިފައިވާ ރަނގަލު ތަޖުރިބާތަކުގެ ވާހަކަ ކިޔައިދޭނެ ހެންނެވެ. 

އިންސާނުންނަށް ކުރިމަތިވާ ކަންކަމާއި ގުޅިގެން ދީނުގައި ވަނީ ކުރަންވީ ކަންތައްތަކެއް އަންގަވައިފައެވެ. އެއިގެ ތެރޭގައި ތައުބާވުމާއި ފާފަކުރުން ހުއްޓައިލުމާއި އަޅުކަންކުރުން ގިނަކުރުމާއި ދުޢާކުރުމާއި ޞަދަޤާތް ކުރުމާއި އިސްތިޣްފާރުކުރުން ހިމެނެއެވެ. 

ކަންކަމަށް އެދިގެން ކުރާ ހުރިހާ ކަންކަމުގެ ތެރެއިން ވެސް އިސްތިޣްފާރުކުރުން ގިނަކުރުމަކީ އެންމެ މުހިންމު ޢަމަލުކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވަނީ އެކަމަށް ޙަދީޘްފުޅުތައް ހުރުމުންނެވެ. 

އެއިގެ ތެރެއިން އެއް ޙަދީޘްފުޅަކީ ގިނަގިންއިން އިސްތިޣްފާރުކުރާމީހާއަށް އޭނާއަށް ކުރިމަތިވެފައިވާ ކަންތަކުން ސަލާމަތްވެވޭނެ މަގެއް ﷲ ތައާލާ ދައްކަވާނެކަމަށް އޮތް ޙަދީޘްފުޅެވެ. މި ޙަދީޘްފުޅުން އެނގިގެންދަނީ އޭނާ އެދޭކަންތައް ކޮންމެވެސް މަގަކުން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެކަމެވެ.  

"ކޮންމެ މުޞީބާތެއް ކުރިމަތިވިނަމަވެސް، ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް އިސްތިޣްފާރުކުރުން ގިނަކުރުމަށްވުރެ ކުރަން ފައިދާހުރި ކަމެއް އެނގިވަޑައިގެންފައި ނެތް" ކަމަށް އިބްނަ ޢައްބާސް ވވިދާޅުވެފައިވާ ބަސްފުޅަކީވެސް މިކަމުގައި ފާހަގަކުރަންޖެހޭ ބަސްފުޅެކެވެ. 

މިކިޔައިދެނީ ދުނޔޭގެ އެންމެ ރަނގަޅު ފެންވަރުގެ 8 ޑޮކްޓަރުންނަށް ސިހުން ލިބިގެންދިއަ ކަމެއްގެ ވާހަކައެވެ. މިފަދަ ވާހަކަތައް ތަކުރާރުކޮށްވެސް މިކިޔައިދެނީ ގިނަ ބައަކު އެިއެކި ކަންކަން ޙާޞިލުކުރަން ބޭނުންވި ނަމަވެސް ޙާޞިލުނުކުރެވިގެން މާޔޫސްކަމުގައި އުޅޭތަން ފެންނާތީއެވެ. އެކަމުގެ ކަންބޮޑުވުންތައް ބަޔާންކުރަމުން ގެންދާތީއެވެ. 

4 ޤައުމެއްގެ 8 ޑޮކްޓަރުން ފަރުވާކުރުމަށްފަހު ބަލިވެ ނުއިންނާނެ ކަމަށްބުނި މޮރޮއްކޯއަށް ނިޞްބަތްވާ ޝާރުޖާގައި ދިރިއުޅޭ އަންހެނަކު އިސްތިޣްފާރުކުރަން ފެށިތާ 4 މަސް ނުވަނީސް ބަލިވެ އިނދެ ވަނީ ވިހައިފައެވެ. ވީހާފައިވަނީ އެއްމާބަނޑު 3 ކުދިންނެވެ. 

ފިރިމީހާ މިޞުރުގެ ނޫހަކަށް ދިން ބަޔާނެއްގައި ބުނެފައިވަނީ ޔޫއޭއީ، އިންޑިއާ، ތައިލަންޑް އަދި ސައުދި އަރަބިޔާއިން ވެސް ދެމަފިރިން ބޭސްކުރި ކަމަށެވެ. އަދި އެ ކަމުގައި އެމީހުންނަށް 12 ވަރަކަށް އަހަރު އެ ޤައުމުތަކުގައި އެކި ފަހަރުމަތިން ހޭދަކުރެވުނު ކަމަށެވެ. އެތއް ފަރުވާއެއް ކުރުމަށްފަހު ކޮންމެ ޑޮކްޓަރަކުވެސް ބުނަނީ އަނބިމީހާއަކީ ދަރިމައި ނުވާނެ މީހެއް ކަމަށެވެ. 

"އހަރެމެން ކައިވެނި ކުރީ އަނބިމީހާގެ އުމުރުން 23 އަހަރުގައެވެ. އަހަރެންގެ އުރުން 28 އަހަރުގައެވެ. 2 އަހަރުވީއިރުވެސް ކުއްޖަކު ނުލިބުނީމަ ޑޮކްޓަރަށް ދައްކަން ފެށީއެވެ. އަހަރެންގެ 4 ފިހާރަ ހުރެއެވެ. ލިބޭހައި އާމްދަނީއެއް ހޭދަކުރަމުން ދިއައީ އެކަމަށެވެ. ހަޤީޤަތުގައި ކުށްވެރިންނަކީ އަހަރެމެންނެވެ. އަހަރެމެންނަށް މިކަމުގަ ދީނީ ގޮތުން ފަރުވާ ކުޑަ ކުރެވުނީއެވެ. އަހަރެމެން މާޔޫސްވެ ގޮތް ހުސްވެގެން ތިއްބައި އަހަރެމެންނަށް ވިސްނައިދިނީ ވަޒީފާއަށް ގެނެވުނު ޕާކިސްތާނު މީހެކެވެ. އޭނާ ކިޔައިދިނީ އިމާމް ހަސަން އަލް ބަޝަރީގެ ބަސްފުޅާއި އިމާމް އަޙްމަދާއި ބައްދަލުވި އަބަދު އިސްތިޣްފާރުކުރުންމަތީގައި ހުންނަ މީހާގެ ވާހަކައެވެ.  

އޭނާ ކިޔައިދިނީ މީހަކު ކޮންމެ ކަމަކަށް ދަތިވެގެން ދިއަނަމަވެސް އިމާމް ހަސަން އަލް ބަޝަރީގެ ބަސްފުޅަކީ އިސްތިޣްފާރުކުރުން ގިނަކުރުން ކަމަށެވެ. އެއިގެ އިތުރުން އަބަދު އިސްތިޣްފާރުކުރުންމަތީގައި ހުންނަ މީހަކު އިމާމް އަހްމަދު އާއި ބައްދަލުވުމަށް އެދި ދުޢާކުރަމުން ދަނިކޮށް އޭނާގެ އަވަށަށް އިމާމް އަހްމަދަށް ވަޑައިގެންނެވުނު ގޮތާއި އޭނާގެ ބޭކަރީއަށް އިމާމް އަޙަމަދަށް ވަޑައިގެންނެވުނު ގޮތުގެ ވާހަކައެވެ. އަދި އެތަނުގައި ކަން ހިނގައި ދިއަ ގޮތުގެ ވާހަކައެވެ. 

އެމީހާ ކިޔައިދިން މިދެވާހަކައިން ޢިބްރަތް ޙާޞިލުކޮށް އަހަރެމެން އިސްތީޣްފާރުކުރަން ފެށީއެވެ. ލިބޭ ކޮންމެ ހުސްވަގުތެއްގައިވެސް އަހަރެމެން ދެމަފިރިން ކުރީ އެކަމެވެ. އެގޮތުގައި ތިބޭތާ 4 މަސް ފުރުނުތަނާ އާދައިގެ މަތިން އަންހެނުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފައި ބުނީ ބަލިވެއިން ކަމަށެވެ. ދުވަސްފުރައި އަންހެނުން ވަނީ އެއްމާބަނޑު 3 އަންހެން ކުދިން ވިހައިފައެވެ. 3 ކުދިންނާއި އަނބިމީހާވެސް ޙާލުވެސް ހަމަ ﷲ ތަޢާލާގެ ރަހްމަތްފުޅުން ހަމަ މުޅިން ރަނގަޅެވެ." 

މިޞުރުގެ ނޫހެއްގައި ޝާއިއުކޮށްފައިވާ މިޚަބަރަށްފަހު ލިޔެފައިވެއެވެ.   

ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! 4 ޤައުމެއްގެ 8 ޑޮކްޓަރުންގެ ނިންމުން ﷲ ތަޢާލާ އެވަނީ ބަދަލުކޮށް ދެއްވަވައިފައެވެ. އިސްތިޣްފާރުކުރުމުގެ ބާރުގައެވެ. ހަމައެކަނި މައްސަލައަކީ އަހަރެމެންގެ ވިސްނުމުގެ މައްސަލައެކެވެ. އީމާންކަމާއި ދުރަށް ޖެހެވިފައިވާ ކަމެވެ. އަހަރެމެން އެދޭ ކަންކަން ޙާޞިލުވުން ލަސްވަމުން ދަނީ ހަމަ އަހަރެމެންގެ ސަބަބުންނެވެ. ﷲ ތަޢާލާއަށް ކުރެވޭ އިތުބާރު ކުޑަކުރެވޭތީއެވެ. 

މިކަމަށް ބެލި ނަމަވެސް ޑޮކްޓަރީ ފަރުވާ ހޯދުމަކީ މައްސަލައެއް ނޫނެވެ. އެކަން ކުރަންވެސް ޖެހޭނެއެވެ. އެކަން ކުރުމާއިއެކުވެސް އެންމެ މުހިންމީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރުމެވެ. އާދޭސް ދެންނެވުމެވެ. ވީހައި ގިނައިން އިސްތިޣްފާރު ކުރުމެވެ. ހިތާމައަކީ މީސްތަކުން އެކަންކަމަށް ދޭ ސަމާލުކަން ކުޑަވުމެވެ. 

އަދިވެސް ވިސްނައިލާށެވެ! އިސްތިޣްފާރު ކުރަމުން ދިއަ މީހާގެ އަވަށަށް އިމާމް އަހްމަދަށް ވަޑައިގެންނެވުނީއެވެ. މިސްކިތުގައި އިންނަވަނިކޮށް މިސްކިތުން ބޭރުކޮށް މަގުމައްޗަށްވެސް ނެރެލީއެވެ. އިސްތިޣްފާރުކުރަމުން ދިއަ މީހާގެ ކުރިމައްޗަށެވެ. މިކަމުންވެސް އެނގިގެންދަނީ އިސްތިޣްފާރު ކުރުމުގެ ހުރި ބާރެވެ! 

ރަނގަޅަށް ވިސްނައިލާށެވެ. އަހަރެމެންގެ މައްޗަށް މުޞީބާތެއް ނާންނާނެ އޮތީ ދެކަމެކެވެ. އެއް ކަމަކީ ރަސޫލް () އަރިއަހުގައިވުމެވެ. މިއަދަކު ރަސޫލް  އެއް ނެތެވެ. އޮތީ އިތުރު އެކަލޭގެފާނުގެ ސުންނަތެވެ. ދެވަނަ ކަމަކީ އިސްތިޣްފާރުކުރުންމަތީގައި ތިބުމެވެ.

އިޚްލާޞްތެރިކަމާއިއެކު އިސްތިޣްފާރުކުރުން މަތީގައި ދެމި ތިއްބައި އަހަރެމެންގެ މައްޗަށް އެއްވެސް މުޞީބާތެއް ނުފޮނުއްވަވާނެތެވެ. މުޞީބާތެއް ކުރިމަތިވި ނަމަވެސް އެކަމަކުން ސަލާމަތް ކުރައްވަވާނެތެވެ. 

އިސްތިޣްފާރުކުރުންމަތީގައި ދެމިހުރުމުން ހަމަ އެކަނި މުޞީބާތްތަކުން ސަލާމަތް ކުރައްވަވާނީ އެއް ނޫނެވެ. ދިމާވާ ކޮންމެ ދަތިކަމަކުން ސަލާމަތް ކޮށްދެއްވަވާނެތެވެ. އޮތީ އިސްތީޣްފާރު ކުރުން ގިނަކުރި ވަރެކެވެ. އިސްތިޣްފާރު ކުރުމަކީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދެންނެވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން