ތިބާ މަގުފުރައްދަން ޝައިޠޯނާ މަސައްކަތްކުރާވަރަކަށް ސުވަރުގެއިން ދެއްވަވާ ދަރަޖަ މަތިވެރިކުރެވެން އެބައޮތް! ހަމައެކަނި ސަމާލުކަންދޭންވީ ޝައިޠޠޯނާ މާޔޫސްވެ ދޭނެ އެންމެ ފަހު ޙަމަލާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ތިބާ މަގުފުރައްދަން ޝައިޠޯނާ މަސައްކަތްކުރާވަރަކަށް ސުވަރުގެއިން ދެއްވަވާ ދަރަޖަ މަތިވެރިކުރެވެން އެބައޮތް! ހަމައެކަނި ސަމާލުކަންދޭންވީ ޝައިޠޠޯނާ މާޔޫސްވެ ދޭނެ އެންމެ ފަހު ޙަމަލާއަށް!

ފުރަތަމަ ކަމަކަށް ވިސްނާލަންވީ ޝައިޠޯނާއަކީ މީސްތަކުންގެ މައްޗަށް ކަނޑައެލިގެން ހުރި ޢަދުއްވެއް ކަމަށާއި ޝައިޠޯނާއަށް ތަބަޢަ ނުވުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމުގެ މައްޗަށެވެ. އެކަމުގެ ސަބަބަށެވެ!  

އަހުރެން ބުނާނީ އެއީ މީސްތަކުންގެ މައްޗަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާވަރު ބޮޑުކަމުން ކަމަށެވެ. ޝައިޠޯނާގެ މަޅިތަކުގައި ނުޖެހި އުޅުމަށް އެންގެވުމަށާއި ފަހަރެއްގައި ޖެހެވުނަސް ސަލާމަތްވުމުގެ ފުރުޞަތު ދެއްވެވުމަށް ކަމަށެވެ.  

މިފަދައިން ވިސްނާށެވެ! ޝައިޠޯނާ އެތައް ދުވަހަކު އެތައް މަސައްކަތެއް ކޮށްގެން މީހަކު ލައްވައި ފާފައެއް ކުރުވަނީއެވެ. ފާފަކުރުވާއިރަށް އެމީހާ އެބަ ތައުބާވެއެވެ. ތައުބާވުމުން އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވައި އޭނާގެ ދަރަޖަ މަތިވެރިކުރައްވަވައެވެ. 

އެގޮތަށް ކަންކަން ވުމުން ޝައިޠޯނާ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެއެވެ. ކުރާ ހުރިހާ މަސައްކަތެއް ފޭލްވެގެންދާތީއެވެ. ވަސްވާސްދީ ފާފަތައް ކުރުވައިގެން ނަރަކައަށް ވައްދުވަން މަސައްކަތްކުރީމާ ސުވަރުގޭގައި ދަރަޖަ މަތިވެރިކުރައްވަވާތީއެވެ.  

ވީމާ އެމީހަކު ނަރަކައަށް ވެއްދުވުމަށްޓަކައި ކުރެވެން އޮތީ ހަމައެންމެ ކަމެއްކަން ޝައިޠޯނާއަށް ވިސްނެއެވެ. އެހިސާބުން ދެން އެދެނީ އެންމެ ވަރުގަދަ ޙަމަލާއެވެ. އެއީ ކަލޭ ކުރި ފާފަތައް ގިނަވެ ބޮޑެތިވުމުން ﷲ ތަޢާލާ ކަލޭގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާކަން އޭނާއަށްވިސްނައިދީ ތައުބާވުމަށް ހުރަސްއެޅުމެވެ. އެކަން އެހައި މުހިންމުވެގެން މިދަނީ ކުރިން ބުނި ފަދައިން ވަސްވާސްދީގެން ފާފައެއް ކުރުވާއިރަށް ތައުބާވެ ސުވަރުގޭގެ މަތީ ދަރަޖަތަކަށް އަރާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އައުކޮށްފައި މިވާހަކަ މިދެއްކީ ހަމަ ހަނދާންކޮށްދޭންވެގެންނެވެ. އިބިލީސް ކޮންމެ ގޮތަކަށް ވަސްވާސްދިނަސް ﷲ ތަޢާލާގެ ރަޙްމަތާއިމެދު ކަންބޮޑުނުވާށެވެ. މާޔޫސްނުވާށެވެ. އިބިލީސް ދޭނެ އެންމެ ފަހުގެ ޙަމަލާ ބާޠިލްކޮށްލުވާށެވެ. މާނައަކީ ފާފަ ނުފުއްސެވި ކަމަށް ބުނާ ބުނުން ހަމަ އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ!  

މިގޮތަށް ވިސްނާށެވެ! ﷲ ތަޢާލާއީ އެންމެ ބޮޑަށް އިންޞާފްވެރިވެވޮޑިގަންނަވާ، އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ. ކިތަންމެ ގިނައިން އަދި ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން ފާފަފުއްސަވައި ދެއްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޢުދުވެވޮޑިގެންފައެވެ. ވީމާ އެކަމަށް ޝައްކުކުރުމަށްވުރެވެސް ބޮޑު މޮޔަކަމެއް ކުރެވޭނެ ހެއްޔެވެ؟  

ޝައިޠޯނާގެ މަޅީގައި ނުޖެހޭށެވެ! ތިމާޢަށް ކުރެވިފައިވާ ފާފަތަކާއިމެދު ހިތާމަކޮށް ދެން އެފަދަ ފާފައެއް ނުކުރަން ޢަޒުމްކަނޑައަޅައިގެން އުޅެންފެށުމުން އެއޮތީ ނިމިފައެވެ. އަދި ބުނަން ހެއްޔެވެ؟ މީގެ ކުރިން ތިބާ ތައުބާވެފައި އޮވެދާނެއެވެ. އެއިގެފަހުން އަލުނަ ފާފައެއް ކުރެވުނުކަމަށްވެސް ވެދާނެއެވެ. ނަމަނަމަ މާޔޫސް ނުވާށެވެ! ﷲ ތަޢާލާ އީ ގިނަގިނައިން ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ވީމާ ކިތަންމެ ގިނަ ފަހަރު ތައުބާވާންޖެހުމަކީ ވެސް އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ހަމަތައުބާވަމުން ގެންދަންވީއެވެ.  

ތައުބާވުމާއި ބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރަމުން ގެންދާތީބުނަމެވެ. ތައުބާވާން ހިތަށް އެރިކަން އެއީ ﷲ  ތަޢާލާ ތިބާއަށް ލެއްވެވި އެންމެ ބޮޑު ރަޙްމަތެވެ! ދެއްވެވި އެންމެ ބޮޑު ފުރުޞަތެވެ. ބޭނުން ހިފަން އަވަސްވެނުގަމުތަށްވުރެ ބޮޑު މިޔަކަމެއް ނުވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން