ގިނަ ބައަކަށް ވިސްނެނީ ސުވަރުގެއިން ތިމާ ބޭނުންވާނެ ކަންކަމާއިމެދުގައެވެ. ސުވަރުގެއިން ބައްދަލުކުރަން ބޭނުންވާ މީހުންނާއި ބައްދަލުކުރަން ބޭނުންނުވާ މީހުންނާއިމެދުގައެވެ. އެހެންވެ ބަހެއް ބުނެލާނަމެވެ.
ސުވަރުގެއިން ބައްދަލުވާ ކޮންމެ މީހަކާއިވެސް ބައްދަލުކުރަން ބޭނުންވާނެ މީހެކެވެ. ސަބަބަކީ އެއްވެސް މީހަކު ހިތް ނުއެދޭ އެއްވެސް ކަމެއް ސުވަރުގެއިން އެއްވެސް މީހަކަށް ކުރިމަތިނުވާނެތީއެވެ. ކުރިމަތިވާނީ ހިތް އެދޭ ކަންކަން ވީމައެވެ.
ބައެއް މީހުންނަށް ލިބޭ ބައިވެރިޔާގެ ނުބައިކަން ބޮޑުކަމުން "ސުވަރުގެއިން އޭނާ އާއި ބައްދަލުވާނެ ނަމަ ސުވަރުގެ ވަންނަން ބޭނުން ނޫން" ކަމަށް ބުނެވޭ ބައަކުވެސް އެބައުޅެއެވެ. އެއީ އެމީހުން ސުވަރުގެ ވަންނަން ބޭނުން ނުވާތީއެއް ނޫނެވެ. ބައިވެރިޔާގެ ހުރި ނުބައިކަމުގެ ބޮޑުކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.
ސުވަރުގެއިން ލިބޭނެ ނިޢްމަތްތަކާއިމެދު ނުވެސް ވިސްނާށެވެ. މާނައަކީ ކިތަމްމެ ވަރަކަށް ވިސްނިޔަސް ވިސްނަން ނުވެސް އެނގޭނެއެވެ. ވިސްނުމަށް ގެނެވޭވަރަށްވުރެ މާފުރިހަމަވާނެއެވެ. ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ފަރުދާގެ އަނެފަރާތުން ވަރަށް ރީތި، ވަރަށް ފުރިހަމަ ފިރިހެނުންތަކެއް ދައްކަވާފައި ބޭނުން މީހަކު އިޚްތިޔާރުކުރުމުގެ ފުރުޞތު ދެއްވަވައިފާނެއެވެ.
ތިބާ ވަރަށް ބޮޑަށް ވަރަށް ރަނގަޅަށް ބަލާފައި ފިރިހެނަކު އިޚްތިޔާރުކޮށްފާނެއެވެ. އެހިނދު ﷲ ތަޢާލާ ވަޙީކުރައްވަވައިފާނެއެވެ. "ތިއަ އިޚްތިޔާރުކުރީ އެމީހަކަށް ފެންނަންވެސް ކަލޭ ބޭނުން ނުވި ފިރިމީހާއެވެ."
މިއީ ހަމަ މިޘާލެއްގެ ގޮތުން ބުނި ވާހަކައެކެވެ. ބޭނުމަކީ ސުވަރުގެއިން ލިބޭނެ ކަންކަމަށް ނުވިސްނައި ސުވަރުގެ ހޯދަން މަސައްކަތްކުރަން ބުނުމެވެ.
ޒުވާނަކު ސުވާލުކުރިއެވެ. "އަހުރެންނާއި އަހުރެންގެ ލޯބިވެރިޔާ ސުވަރުގެއިން ބައްދަލުވާނެ ހެއްޔެވެ؟" އަހުރެން ބުނީމެވެ. "ލޯބިވެރިޔާ އޭނާގެ މަސައްކަތުން ސުވަރުގެވަނަސް ކަލެއަށް އެވަރަށް މަސައްކަތްނުކުރެވިއްޖެނަމަ ކަލެއަށް ސުވަރުގެ ނުވަދެވި އެހެންތަނެއްގައި ވާންޖެހިދާނެއެވެ. ވީމާ ފުރަތަމަކަމަކަށް ސުވަރުގެ ވަންނަން މަސައްކަތްކުރާށެވެ."
- މުފްތީ މެންކުގެ ދަރުސަކުން