ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 59 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ (އެމްއޭސީއެލް) އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރިންނަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި އުފާވެރި އަހަރަކަށް އެދިވަޑައިގެންފައިވެއެވެ.
ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 19 އޮކްޓޯބަރު 1960 ގައެވެ. ނަމަވެސް، މައި ވައިގެ ބަނދަރު "ހުޅުލެ އެއަރޕޯޓް" ގެ ގޮތުގައި ރަސްމީކޮށް ޚިދުމަތް ދޭން ފެށީ މިއަދުއާ ދިމާވާ ގޮތަށް، 12 އޭޕްރީލް 1966 ގައެވެ. މި އެއަރޕޯޓަށް ފުރަތަމަ އާންމު ފްލައިޓެއް ޖެއްސީ 1962 ވަނަ އަހަރު އެއަރ ސިލޯންގެ ފްލައިޓެކެވެ.
އެއަރޕޯޓުގެ ތާރީޚަށް ބަލާއިރު، އޭރު ހުޅުވުނު "ހުޅުލެ އެއަރޕޯޓް" އަށް ގިނަ ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ ތެރޭގައި ނަން ބަދަލުވުމާއި، ވަސީލަތްތައް ތަރައްޤީވުން ހިމެނެއެވެ. މިހާރު އެއަރޕޯޓް ހިންގަމުންދާ ކުންފުނި، އެމްއޭސީއެލް އުފެދުނީ 1994 ވަނަ އަހަރުއެވެ. އޭރު އެއަރޕޯޓް އޮތީ "މާލެ އިންޓަނޭޝަނަލް އެއަރޕޯޓް" ގެ ނަމުގައެވެ.
މިއަދު ފާހަގަކުރެވޭ 59 ވަނަ އަހަރީ ދުވަހަކީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީގެ ހެއްކެކެވެ. ރައީސް މުޢިއްޒުގެ ތަހުނިޔާގެ މެސެޖުން ދޭހަވަނީ، ސަރުކާރުން މި ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ކުރިމަގުގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކެވެ.