މުދަލު ޒަކާތުގެގޮތުގައި ދަޢުލަތަށް 34.7 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މުދަލު ޒަކާތުގެގޮތުގައި ދަޢުލަތަށް 34.7 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައި ދަޢުލަތަށް 34.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. 

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 23.5 މިލިޔަން ރުފިޔާއެވެ. މިއަހަރުގެ އަދަދަކީ މިއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މީގެއިތުރުން، މިދިޔަ މަހު (މާރިޗު) އެކަނި މުދަލު ޒަކާތުގެގޮތުގައި 23.5 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 66.6 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ލިބިފައިވަނީ 14.1 މިލިޔަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިދިޔަ އަހަރު މުޅި އަހަރު ތެރޭގައި މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް ލިބިފައިވަނީ 101.9 މިލިޔަން ރުފިޔާއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދެވެ. އަދި މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12.9 އިންސައްތައިގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 90.2 މިލިޔަން ރުފިޔާއެވެ.

މުދަލު ޒަކާތުގެ އަދަދު މިހާ ބޮޑަށް އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެެއްކެއްކަމަށް ބެލެވެއެވެ.                     

މިއަދު އޮންލައިން