ރާއްޖޭގައި ޤާއުމުކުރެވިފައިވާ އިސްރަށްވެހިންގެ ނާދީތަކުގެ ސަބަބުން އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފާހަގަކުރެވޭކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ މިނިސްޓަރ، ލަހުފާ ވިދާޅުވީ ދޮށީ އުމުރުގެ ގިނަ ފަރާތްތަކެއް ނާދީއަށް ޒިޔާރަތްކުރައްވާކަމަށާއި، އޭގެ ސަބަބުން ކުރިން ގޭތެރޭގައި އެކަނިވެފައި ތިބި ފަރާތްތަކުގެ ދިރިއުޅުމަށް އެދެވޭ ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
ހަމައެހެންމެ، އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ނާދީގައި ގިނަ ހަރަކާތްތަކެއް ހިންގާކަމަށް ވެސް ލަހުފާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކަސްރަތު ކްލާސްތަކުގެ ޚިދުމަތްތައް ވެސް ފުޅާކުރެވިފައިވާކަމަށާއި، ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސްކްރީނިން ޕްރޮގްރާމްތަކުގެ އިތުރުން އެކިއެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށް ލަހުފާވަނީ ވިދާޅުވެފައެވެ.
އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ނާދީގައި ގެންދާ ތަފާތު ހަރަކާތްތަކާއެކު އެތަނަށް ޒިޔާރަތްކުރާ އިސްރަށްވެހިންގެ އަދަދު ގިނަވެ، އެބޭފުޅުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ރަނގަޅު އަސަރުތަކެއް އަންނަކަން ފާހަގަކުރެވޭކަމަށް ވެސް ލަހުފާ ވިދާޅުވިއެވެ.
ހަމައެހެންމެ، 2050 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީ ބޮޑުވާނެ ކަމަށާއި، އެބޭފުޅުންނަކީ ދުޅަހެޔޮކަންމަތީގައި ތިބޭ އާބާދީއެއްކަން ކަށަވަރުކުރުމަށް މިހާރުކުރެވޭ މަސައްކަތްތަކުގެ އިތުރަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވެން ޖެހޭކަމަށް ލަހުފާވަނީ ފާހަގަކުރައްވާފައެވެ.
އިސްރަށްވެހިންނަކީ ޤަދަރުވެރިކަމާއި، ފަހުރުވެރިކަމާއެކު މުޖުތަމަޢުގައި އުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ވައުދުފުޅެކެވެ.
ހަބަރު: ސަރުކާރު