މީސްތަކުން ކުރާ އަޅުކަމަށް ގޮތް ނިންމަވާނީ ﷲ ތަޢާލާއެވެ. އެކަމަކީ އެހެން މީހަކަށް ވާހަކަ ދެކެވެންވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް ވިސްނައިލެވިދާނެ އެބައޮތެވެ. އެކަމަކީ އަޅުކަންކުރިނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާނީ އެހެން މީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށްފަހުގައިކަމެވެ. މިއީ ދީނުގައި ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. ޙަދީޘްފުޅުތަކުން ޔަޤީންކުރެވެން އޮތް ކަމެކެވެ.
އެހެންކަމަށްވާއިރު ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ ދަރިންނަށް ޚަރަދުނުކޮށް ހުންނަ މީހާ ކުރާ އަޅުކަމަށްވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިންނަށް ޚަރަދުނުކޮށް ހުއްޓައި އެމީހަކު މަރުވެއްޖެނަމަ ދެން އެމީހަކަށް ކަންތައްތައްވެގެންދާނީ ކިހިނަކުން ހެއްޔެވެ؟ ތިމާކުރި ހެޔޮކަމުން ޤިޔާމަތް ދުވަހު ބަދަލުދޭކަށް ނުޖެހޭނެ ހެއްޔެވެ؟ ،ިއިން ކޮންމެ ސުވާލަކީވެސް އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް ޚަރަދު ނުކުރާ ބައްޕައިން ވިސްނައިލުން މުހިންމު ކަންކަމެވެ.
މީސްތަކުންނޭވެ! ރަނގަޅަށް އަޑުއަހާށެވެ! ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކުރުމަކީވެސް އަނިޔާވެރިވުމެވެ. ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ ޢުމުރުގެ ދަރިއަކަށް ޚަރަދު ނުކުރުމަކީ ދަރިފުޅު ނިކަމެތިކޮށްލުމެވެ. އެފަދަ ދަރިއަކު ނިކަމެތިކޮށްލުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. އަދި އެއީ ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ޢަމަލެކެވެ.
ސުވަރުގެ ލިބުމަށް އެދޭމީހާގެ ކިބައިގައި ހުންނަން ޖެހެނީ 2 ސިފައެކެވެ. އެއީ ތަޤްވާވެރިކަމާއި ﷲ ތައާލާ އުފެއްދެވި މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. އެކަމުގެ އިތުރު ބައެއް ތަފްޞީލަށް ބަލައިލަމާ ހިނގާށެވެ!
ތަޤްވާވެރިވުމުގެ މާނައަކީ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ. ނަހީކުރެއްވެވި ކަންކަމާއި ދުރުހެލިވުމެވެ. ކުރުމަށް އަމުރުފުޅު ކުރެއްވެވި ހުރިހާ ކަމެއް ކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.
މީސްތަކުންނަށް ހެޔޮކޮށް ހިތުމުގެ މާނައިގައި ވަރަށް ގިނަ ކަންކަން ހިމެނިގެންވެއެވެ. މީސްތަކުންނަށް އެހީތެރިވުމާއި މީސްތަކުންގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމާއި އަނިޔާވެރި އެއްވެސް ޢަމަލެއް ނުކުރުން ހިމެނެއެވެ.
ބައެއް މީހުން އަޅުކަންކުރެއެވެ. މީސްތަކުންނަށް ހެޔޮކޮށްވެސް ހިތައެވެ. ނަމަވެސް ދެމްފިރިންގެ މެދުގައި އޮންނަނީ އަނިޔާވެރިކަމެވެ. ނުބައި ބަސްތައް ބުނުމާއި ހަރުކަށި ޢަމަލުތައް ކުރުމެވެ. އަދި އަނިޔާވެރި ޢަމަލުތައްވެސް ކުރެއެވެ.
ސުވަރުގެ ވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް މިބަޔާންކުރި ކަންކަމަށް ބަލާއިރު އެއްވެސް މީހަކަށް ނުވަތަ އެންމެ މީހަކަށް ނަމަވެސް އަނިޔާވެރިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހަމައެއާއިއެކު ޢާއިލާއަށް ޚަރަދު ނުކުރުމަކީ ވެސް މައްސަލައެކެވެ!
ވީމާ މިކަންކަމަށް ބިރުވެތިވާށެވެ! ސުވަރުގެ އެދޭ މީހާ ތަޤްވާވެރިކަން އިތުރުކުރާށެވެ! އެހެން މީސްތަކުންނަށް ހެޔޮކޮށް ހިތާށެވެ! އަދި ކީއްހެއްޔެވެ؟ ޖަނަވާރުންނާއި ގަސްގަހާގެއްސަށްވެސް ހެޔޮކޮށް ހިތާށެވެ! އެންމެހައި މަޚްލޫޤުންނަށް ހެޔޮކޮށްހިތާށެވެ!
ފެންބޮވައިގެންފައިވާ ކުއްތާއަކަށް ބީފެންފޮދެއް މީހާ ސުވަރުގެ ވެއްދެވިކަން އެއީ މިދެއްކި ވާހަކަތަކުގެ ވަރަށް ބޮޑު ދަލީލެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން