ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ތަމްސީލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ތަމްސީލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އެ ވުޒާރާ ތަމްސީލުކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެތީގެ ދާއިރާއާ ގުޅުންހުރި ފަރާތްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އިންތިޒާމުކުރެވޭ ޚާއްޞަ މައުރަޒެކެވެ. މި މައުރަޒު އިންތިޒާމުކުރަނީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މި ފުރުސަތު ހުޅުވާލާލާފައިވަނީ ގަސްގަހާގެހި އަދި ދަނޑުވެރިކަމުގެ ވިޔަފާރިތަކަށާއި، ޕެޓް ޝޮޕްތަކަށާއި ޖަނަވާރު ބެލެހެއްޓުމުގެ ޚިދުމަތްދޭ ތަންތަނަށެވެ. މީގެ އިތުރުން ދަނޑުވެރިކަމަށް އަމާޒުކޮށްފައިވާ އެންޖީއޯތަކާއި މަޝްރޫޢުތަކަށާއި، އެހެނިހެން ގުޅުންހުރި ވިޔަފާރިތަކަށްވެސް މި ފުރުސަތު ހުޅުވާލާފައިވެއެވެ.

ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އޭޕްރިލް މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ފަރާތެއްގެ ތަފްސީލުތައް (ކުންފުނީގެ ނަން، ކުރު ތަޢާރަފެއް އަދި ފޯނު ނަންބަރު) [email protected] އަށް އީމެއިލް ކުރަންވާނެއެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމާއި ދިރޭތަކެތީގެ ދާއިރާގައި ހިމެނޭ އެކިއެކި ވިޔަފާރިތަކާއި މަޝްރޫޢުތަކަށް ފުޅާ ދާއިރާއެއްގައި ފެންނާނެ މަންޒަރެއް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް އާންމުންނަށް ތަޢާރަފުކޮށްދިނުމެވެ. މިއީ މި ދާއިރާގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމުގައި ވުޒާރާއިން ފާހަގަކުރެއެވެ.                     

މިއަދު އޮންލައިން